ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގުގެ ފަހު ބުރުގެ މެޗުތައް ގަލޮޅު ދަނޑަށް ބަދަލުކޮށްފި

އެފްއޭއެމް ވިމެންސް ލީގުގެ ފަހު ބުރުގެ މެޗުތައް ގަލޮޅު ދަނޑަށް ބަދަލުކޮށްފި

ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ފާތިމަތު ސާލިޔާ / ފޮޓޯ: އޮޑި ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޑިސެމްބަރު 2025، 03:37

20 ޑިސެމްބަރު 2025، 03:37

އެފްއޭއެމް ވިމެންސް ލީގުގެ ފަހު ބުރުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭ ގޮތައް ހަމަޖައްސައިފިއެވެ.

ޖުމްލަ 6 ޓީމާއެކު ކުޅޭ މި ލީގުގައި ކޮންމެ ޓީމެއް 5 މެޗު ކުޅެން ޖެހޭއިރު، ލީގުގައި ހުރިހާ ޓީމެއް ވެސް މިހާރު ވަނީ ހަތަރު މެޗު ކުޅެފައެވެ. އެ މެޗުތައް ކުޅެފައި ވަނީ ހެންވޭރު ދަނޑުގައެވެ.

ވިމެންސް ލީގުގެ ފަހު ބުރުގެ މެޗުތައް އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާއިރު، އެ މެޗުތައް ގަލޮޅު ދަނޑަށް ބަދަލުކޮށްފައިވާކަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ އިޢުލާންކޮށްފައެވެ. 

ލީގުގެ ފަހު ބުރަށް ގޮސްފައިވާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބް ވަނީ 10 ޕޮއިންޓު ހޯދާފައެވެ. ނަމަވެސް ލީގުގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. އެއީ ދެ ޓީމުގެ ފައިދާ ގޯލު ވެސް އެއްވަރުވެފައިވުމުން، އޮޑި ސްޕޯޓްސްއަށް ވުރެ އިތުރަށް މާޒިޔާ އެއް ގޯލު ޖަހާފައި ވުމުންނެވެ. އެހެންކަމުން، ފަހު ބުރުގައި މި ދެ ޓީމު ނިކުންނަ މެޗު ވާނީ ފައިނަލަކަށެވެ.

މިހާތަނަށް އައިއިރު ލީގުގައި ބަލިނުވެ އޮތި ވެސް މާޒިޔާ އާއި އޮޑި ސްޕޯޓްސް އެކަންޏެވެ. ނަމަވެސް ކޮންމެ ދެ ޓީމު ވެސް އެއް މެޗުން އެއްވަރުވެފައި ވެއެވެ. މާޒިޔާ އެއްވަރުވީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަދި އޮޑި ސްޕޯޓްސް އެއްވަރުވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ލީގުގެ ފަހު ބުރަށް އައިއިރު، މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އޮޑި ސްޕޯޓްސްގެ ފާތިމަތު ސާލިޔާއެވެ. އޭނާ ވަނީ މިހާތަނަށް 8 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ދެވަނައިގައި އޮތް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ، ރޭކާ ޕޮޑެލްއަށް ކާމިޔާބުކުރެވިފައި ވަނީ 7 ގޯލެވެ. 

ލީގުގެ ޗެމްޕިއަނުން ކަނޑައެޅިގެން ދާނެ، މާޒިޔާ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރާ މެޗަކީ ލީގުގެ ފަހު މެޗެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން