ޚަބަރު
މާލެ އާއި ކައިރި އަތޮޅުތަކުގައި ފެން ބޮޑުވެދާނެތީ ރައްކާތެރިވާން އިލްތިމާސްކޮށްފި
މާލޭގައި ފެންބޮޑުވެފައި ވަނިކޮށް ނަގާފައިވާ މަންޒަރެއް / ފޮޓޯ: ސަން
ފަރުދުން
20 ޑިސެމްބަރު 2025، 04:25
20 ޑިސެމްބަރު 2025، 04:25
މެދު ރާއްޖެ ތެރެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، މާލެ އާއި މާލެ ކައިރި އަތޮޅުތަކުގެ ތަށްތަކުގައި ފެންބޮޑުވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖުމެންޓުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރިއޮތުގައި، ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.
އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުވެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ދުރާލައި ފިޔަަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.
މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށް، އެމް.އެމް. އެސް އިން ވަނީ މާލެ އާއި މާލެ ކައިރި އަތޮޅުތަކަށް ރީނދޫ އިންޒާރު ނެރެފައި. އަދި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެމް.އެމް.އެސް…
— NDMA Maldives (@NDMAmv) December 20, 2025
ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން ވެސް އެންޑީއެމްއޭގެ ޕޯސްޓްގައި ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް ލަފާކުރައްވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި އެ ސަރަހައްދުތަކުގެ ކަނޑުތައްވެސް އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މޫސުން އަލިވާނެ ކަމަށް މިހާރު ދައްކާގޮތުން ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހުގެ ފަހުންނެވެ.