ކުޅިވަރު
އެޓޯލް ޗެމްޕިއަންޝިޕް: ޕެނަލްޓީގައި ކުނަހަންދޫ ބަލިކޮށް ގަމުން ޗެމްޕިއަންކަން ހޯދައިފި
ގަން ފުޓުބޯޅަ ޓީމު---
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ލާމު އަތޮޅުގެ ޗެމްޕިއަންކަން ގަމުން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ، ފަހު ވަގުތު ކާމިޔާބުކުރި ގޯލަކާއެކު ކުނަހަންދޫއިން 1-1 އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، ޕެނަލްޓީޝޫޓް އައުޓް 4-3އިން ކާމިޔާބުކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ހޯދިއެވެ.
ގަމުގައި ކުޅުނު މި މެޗުގައި އެ ރަށު ޓީމުން ލީޑު ނެގީ ފަހު ހާފުގެ 10ވަނަ މިނެޓުގެ ތެރޭގައެވެ. ކަނާތް ފަރާތުން ހުރަސްކުރި ބޯޅައެއް ފެނުޖެހިފައި މައްޗަށް އެރި ވަގުތު، ޢަލީ އަރުޝަދު ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކުނަހަންދޫ ކުޅުންތެރިއެއްގެ ގައިގައިޖެހިފައެވެ.
ވެހުނު ބޯ ވާރޭގައި ކުޅުނު މި މެޗުގެ ނަތީޖާ ކުނަހަންދުއަށް ހަމަހަމަކޮށްދިނީ، ފަހު ހާފު ކުޅެން ނިކުތް މުޙައްމަދު ސަމާޙްއެވެ. މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ގަމުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ގަމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޙުސެއިން ނާޝިދު، ޢަލީ އަރުޝަދު، ތާލު އަބްދުލް ޙަކީމް އަދި ޢަބްދުالله ޝިޢާއުއެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އިބްރާޙިމް ޝަރީފްއަށެވެ.
ކުނަހަންދޫއަށް އިބްރާޙިމް ސުޙެއިލް، މުޙައްމަދު މާއިޝް އަދި އަޙުމަދު އާޒިމް ޕެނަލްޓީ ކާމިޔާބުކުރިއިރު، އަޙުމަދު އަފްސާން އާއި މުޙައްމަދު އަނިލް ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.
ލާމު އަތޮޅުގެ ފައިނަލަށް ގަން ދަތުރުކުރީ 5 ޕޮއިންޓާއެކުއެވެ. ލީގު ބުރުގައި އެ ޓީމު ފޮނަދޫ މެޗުން މޮޅުވިއިރު، ކުނަހަންދޫ އާއި މާބައިދޫއާ ބައްދަލުކުރި މެޗު ވަނީ 0-0އިން އެއްވަރުވެފައެވެ.
އަދި ކުނަހަންދޫއިން ފައިނަލަށް ދަތުރުކުރީ 7 ޕޮއިންޓާއެކުއެވެ. އެ ޓީމަށް ލީގު ބުރުގައި ބަލިނުކުރެވުނީ ގަން އެކަންޏެވެ.
މި އަތޮޅުގެ ފައިނަލުގައި ކުޅުނު ދެ ޓީމުގެ ހައިސިއްޔަތުން، ދެ ޓީމު ވެސް ވަނީ ޒޯނު ބުރަށް ކޮލިފައިވެފައެވެ.