ޚަބަރު
އައިޓީއޭ އެއާރވޭސް އާއި އެއާރ ފްރާންސްގެ އޮޕަރޭޝަންތައް އައު ޓާރމިނަލަށް ބަދަލުކޮށްފި
ދެ އެއާރލައިނެއް ވަނީ މިއަދު އައު ޓާރމިނަލަށް ބަދަލުކޮށްފައި، ފޮޓޯ: ވީއައިއޭ
ފަރުދުން
20 ޑިސެމްބަރު 2025، 08:19
20 ޑިސެމްބަރު 2025، 08:19
އައިޓީއޭ އެއާރވޭސް އާއި އެއާރ ފްރާންސްގެ އޮޕަރޭޝަންތައް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ އައު ޓާރމިނަލަށް މިއަދު ބަދަލުކޮށްފިއެވެ.
މި ފްލައިޓުތަކުގެ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ވީއައިއޭގައި މިއަދު ވަނީ ވަކިވަކި ދެ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެގޮތުން އައިޓީއޭ އެއާވޭސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤުބާލް އާދަމްއެވެ. މި ރަސްމިއްޔާތުގައި އައިޓީއޭ އެއާރވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި އެއާރ ފްރާންސްއަށް ޚިދުމަތް ދޭން ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަޙުމަދު މައުމޫންއެވެ. އެ ރަސްމިއްޔާތުގައި ވެސް އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެއާރ ފްރާންސްގެ އޮޕަރޭޝަންތައް އައު ޓާރމިނަލަށް ބަދަލުކުރުން / ފޮޓޯ: އެމްއޭސީއެލް
އައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ. އަދި އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގައެވެ.
އައިޓީއޭ އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.