ޚަބަރު
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށްދީފި
ހިޔާ ފްލެޓް/ފޮޓޯ: ރަސް އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ، ޖޫރިމަނާ މަޢާފްކޮށްދީފައި ވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދީފައިވާކަމަށެވެ. އެގޮތުން، ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށާއި، މަޢާފްކޮށްދީފައި ވަނީ މިިދިޔަ އަހަރުގެ ޖަނައަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައްކަމަށް ޒުހައިރު ވިދާޅުވިއެވެ ހަމަ އެއާއެކު، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މަޢާފުކޮށްދީފައެވެ.
ހިޔާ ޓަވަރުގެ 2 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް 4،984 ރުފިޔާ ދައްކަން ޖެހެއެވެ. ހުޅުމާލޭގެ ދެވަނަަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ޤަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންކަމަށްވީއިރު، ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ ގިނަކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
މި ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 2 ލައްކަ ރުފިޔާ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެ ބަދަލު އެގްރީމަންޓަށް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.