ޚަބަރު
ބާޒާރުމަތީ މަގު ފުޅާކުރަން ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިމަހު ފަށަނީ
ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދަނީ' ފޮޓޯ: ޕީއެސްއެމް
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ފެށުމަށްޓަކައި މަގު ބަންދުކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިވަގުތު ކުރިއަށް ދަނީ ޔުޓިލިޓީ ވިއުގަތަކާ ގުޅޭ މަސައްކަތްތަކެވެ. މި މަސައްކަތުގެ %70 ނިމިފައިވާއިރު، އެމްޑަބްލިއުއެސްސީގެ ނެޓްވަރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓު މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަޙައްދުން މަގުގެ އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސާނެ ކަމަށެވެ. އެގޮތުން ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށާއި، އެއާއެކު ހިއްކަންޖެހޭ ބައިގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ، އެ ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލުމަށެވެ.
ޝަރްވަސް އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޕާކިން ޒޯންތައް ތަރައްޤީކޮށް، ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށް، ސްޓޯމް ވޯޓަރ ސިސްޓަމްވެސް ޤާއިމްކުރާނެ ކަމަށެވެ. "ބާޒާރު މަތި ސަރަޙައްދަކީ ކާރުބާރު ބޮޑު ސަރަޙައްދެއް ކަމަށްވުމުން ރައްޔިތުންނަށް އުނދަގޫ ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ،" ޝަރްވަސް ވިދާޅުވިއެވެ.
މަސައްކަތްތައް ފެށުމާ ގުޅިގެން، އެމްޓީސީސީން ވަނީ މިރޭ 12ގެ ފަހުން ކަރާ މާރުކޭޓު ގޮޅިން ފެށިގެން ސޮނީ ހާރޑްވެއާ ހަމައަށް މަގު ބަންދު ކުރުމަށް ނިންމާފައެވެ. މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާ ބަންދު ކުރަންޖެހޭ އިތުރު ސަރަޙައްދުތައްވެސް ބަންދުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ބާޒާރު މަތީގެ މަގު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ދެކޮޅަށްވެސް ދުއްވޭ ގޮތަށެވެ.
މާލޭގެ މާރުކޭޓު ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ. މުޅި މި މަޝްރޫޢުގައި ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައިން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަގުތައް ބަންދުކޮށް ކުރިއަށްގެންދާ މި މަސައްކަތްތަކުގައި ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކަށް ސަމާލުވުމަށާއި، އެ ސަރަޙައްދުތައް ބޭނުން ކުރުމުގައި ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.