ޚަބަރު
ހުވަފެންފުށި ކައިރިން ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި
ހުވަފެންފުށި ކައިރިން ހޮޅިތަކެއް އޮޔާދިޔުން. ފޮޓޯ: އެމްއެންޑީއެފް
މާލެއަތޮޅު ނަކައްޗާފުށި ނުވަތަ ހުވަފެންފުށި ރިސޯޓު ކައިރިން ބޮޑެތި ހޮޅިތަކެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
މި ހޮޅިތަކަކީ ނަކައްޗާފުށީ ކައިރީގައި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް ޑްރެޖަރު ހޮޅިތަކެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ދަތުރުވެރިންނަށް ސަމާލުކަން ދިނުމަށް އެދުނީ، ނަކައްޗާފުށީ ކައިރީގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރު ހޮޅިތަކެއް އޮޔާދާތީ އެކަމަށް ސަމާލުކަން ދީގެން ދުއްވުމަށް އިލްތިމާސްކުރައްވަމުންނެވެ. މި ހޮޅިތަކަކީ ކަނޑުގެ ސަލާމަތަށް ނުރައްކާވެ، ދަތުރުކުރާ އުޅަނދުތަކަށް ގެއްލުން ވެދާނެ އެއްޗެއް ކަމަށް ވެދާނެތީ، ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށެވެ. އެހެންކަމުން، އަލިހުރަސްކަނޑާއި، އެ ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ. ރޭގަނޑު މިފަދަ ތަކެތި ފެނުމަށް ދަތިވާނެތީ، އަވަސް ނުކޮށް މަޑުކޮށްލާފައި ދުއްވުމަކީ މުހިންމު ކަމެކެވެ.