Ads by Stelco

ޚަބަރު

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 އަށް އަވަސްކޮށްފި

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 އަށް އަވަސްކޮށްފި

އެމްޑީޕީގެ ޕްރައިމަރީ އެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 08:05

21 ޑިސެމްބަރު 2025، 08:05

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، އިދިކޮޅު އެމްޑީޕީން ޖެނުއަރީ 16 ވަނަ ދުވަހަށް އަވަސްކޮށްފިއެވެ.

މީގެ ކުރިން މި ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހުގައެވެ.

އެމްޑީޕީން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް މިއަދު އެ ޕާޓީން ކުރި އިޢުލާނަކާއެކު އެ ނިންމުން ބަދަލުކޮށް، ޖެނުއަރީ 16 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ޕްރައިމަރީގެ ވޯޓުލުން 16 ޖެނުއަރީ ވާ ހުކުރު ދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:00 އަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ޕްރައިމަރީގެ ކަންކަން ކުރިޔަށްދާނެ ޓައިމްލައިނެއް ހިއްސާކުރިއެވެ. އެ ޓައިމްލައިނުގައިވާގޮތުން ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު މާދަމާ އާންމުކުރާނެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށްފަހު ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއްވިއެވެ. ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ، ޖެނުއަރީ 8 ވަނަ ދުވަހުގައެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމު ހުށަހެޅުމުގެ ތާރީޚު 17 ޖެނުއަރީން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި، އެހެންވެ ކުރިން އާންމުކުރި ޓައިމްލައިން ބާތިލްކުރުމަށް ނިންމާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ދާއިމީ ރިޕޯޓް އާންމު ކުރުމުން އައު ޓައިމްލައިން އާންމު ކުރާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން