ދުނިޔެ

އިޒްރާއިލްގެ ޑެތު ޕެނަލްޓީ ބިލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އެއްޗެއް: ފަލަސްޠީނުގެ ތަޖުރިބާ ކާރުން

އިޒްރާއިލްގެ ޑެތު ޕެނަލްޓީ ބިލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އެއްޗެއް: ފަލަސްޠީނުގެ ތަޖުރިބާ ކާރުން

ފަލަސްޠީނުގެ ޤާނޫނީ ވަކީލުން އިޙްތިޖާޖްކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 10:58

21 ޑިސެމްބަރު 2025، 10:58

އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގައިދީންނަށް އެކިކަހަލަ އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ޖަލުތަކުގައި ދެމުންދާއިރު އިޒްރޭލުން މަރުގެ އަދަބު ދިނުމުގެ ބިލެއް ފާސްކުރުމަށް މަސައްކަތްކުރަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ފަލަސްޠީނުގެ ތަޖުރިބާކާރުން ބުނެފިއެެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 94 ފަލަސްޠީނުގެ ގައިދީން ޝަހީދުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ވަނީ ރިކޯޑުކޮށްފައެވެ. އަދި ގައިދީން ރޭޕުކުރާ މަންޒަރުތައް ކެމެރާއިން ފެނިފައިވެއެވެ.

އިޒްރޭލުގެ ޖަލުތަކާބެހޭ ވަޒީރު، އިޓަމާ ބެން-ގްވީރް ވަނީ އޭނާގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ގައިދީންގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ފަޚުރުވެރިކަމާއެކު ބުނެފައެވެ. އަދި އޮކްޓޯބަރު މަހުގެ ފަހުކޮޅު، އޭނާ ވަނީ ފަލަސްޠީނުގެ ގައިދީން ބިންމަތީގައި ބަނޑުން ބައިތިއްބައި، އެމީހުންނަކީ ފަލަސްޠީނުގެ "ޓެރަރިސްޓުން" ކަމަށް ސިފަކޮށް މަރުގެ އަދަބު ތަޢާރަފުކުރުމަށް ގޮވާލާފައެވެ. ބެން-ގްވީރްގެ މި އެދުން އަވަހަށް ހާސިލުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅު، އިޒްރޭލުގެ މަޖިލީހުން ވަނީ އިޒްރޭލުގެ މީހުން މަރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ހުށަހެޅި ބިލެއްގެ ފުރަތަމަ ކިޔުން ފާސްކޮށްފައެވެ. މި ބިލުގައި ބުނެފައިވަނީ "ނަސްލީ" ނުވަތަ "އިޒްރޭލަށް ގެއްލުން ދިނުމުގެ މަޤްސަދުގައި" މިފަދަ ކުށެއް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ކަމަށެވެ. މި ބިލު ސީދާ އަމާޒުކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އެހެންނަމަވެސް، އިޒްރޭލުގެ ރައްޔިތުން ވެސް ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް ނުރައްކާތެރި ހަމަލާތައް ދެމުންދާއިރު، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުން އިޒްރޭލުން ކުރިއަށް ގެންދެއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ. އެމީހުންނަށް އިވޭ އަޑަކީ ހަމައެކަނި އިތުރު ޤާނޫނެއްގެ އަޑެއް ނޫން ކަމަށާއި، މިއީ އިޒްރޭލުން  މަރުގެ އަދަބު ދިނުމުގެ ނިޒާމެއް ރަސްމީކުރުމަށް ރާވާފައިވާ ކަމުގެ ސިގްނަލެއްކަމަށެވެ.

 "މި ޤާނޫނުގެ މަޤްސަދަކީ އެމީހުންގެ ރައްޔިތުންގެ މިނިވަންކަމާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް ކުރާ މަސައްކަތުގެ ސަބަބުން ގައިދީން ޝަހީދުކޮށްލުން ." ހުޅަނގު އައްސޭރީގައި ހުންނަ އިންޑިޕެންޑެންޓް ކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ޑިރެކްޓަރު، ފަރީދު އަލް-އަތްރަޝް ވިދާޅުވިއެވެ.

މި ޤާނޫނުގެ ސަބަބުން ޝަރުޢީ ހިމާޔަތްތައް ނެތިގެންދާނެ ކަމަށް ފަލަސްޠީނުގެ ވަކީލުންނާއި އެކްޓިވިސްޓުން ބުނެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ ފަލަސްޠީނުގެ ގައިދީންގެ ހައިސިއްޔަތު ނައްތާލުމަށް މަސައްކަތްކުރާ ކަމަށް ވެސް އެމީހުން އިންޒާރު ދެއެވެ. މި ބިލުގެ ދަށުން، އިޒްރޭލުގެ ކޯޓުތަކަށް، އިޒްރޭލުގެ މީހުން މަރާލާ ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު މަޖުބޫރުކުރުމުގެ ބާރު ލިބިގެންދާނެއެވެ. ޚާއްސަކޮށް އެކަން ކުރެވިފައިވަނީ ޤައުމިއްޔަތުގެ، ނަސްލީ، ނުވަތަ ނަފުރަތުގެ ސަބަބުން ނުވަތަ އިޒްރޭލު ދައުލަތަށް ގެއްލުން ދިނުމުގެ މަޤްސަދުގައި ކަމަށްވާނަމައެވެ. އަދި މި ކުށްތަކަށް މަރުގެ އަދަބު ދޭ މީހުންނަށް ރައީސް ނުވަތަ ސަރުކާރުން މާފު ދިނުމުގެ ބާރު ވެސް މި ބިލުން ނިގުޅައިގަންނާނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ފަނޑިޔާރުންގެ ޕެނަލްއިން އިއްތިފާޤުވުން ލާޒިމުވެސް ނުކުރެއެވެ.

ފަލަސްޠީނުގެ ވަކީލުން އިންޒާރު ދެނީ މި ބިލުގެ ސަބަބުން ފަލަސްޠީނުގެ ދިފާއުވާ ފަރާތްތަކަށް ކުރިން ލިބިފައިވާ ހިމާޔަތްތައް ނެތިގެންދާނެ ކަމަށެވެ. އަލް-އަތްރަޝް ވަނީ މި ބިލާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަމަލާތަކުގައި އިޒްރޭލުގެ ރައްޔިތުންނަށް ކަންކުރާ ގޮތާ ވަރަށް ބޮޑަށް ތަފާތުކޮށް ވާހަކަ ދައްކާފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަމަލާތަކުގައި އިޒްރޭލުގެ ރައްޔިތުން ގިނަ ފަހަރު މިނިވަންކުރެވެއެވެ. މި ބިލަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މަރުގެ އަދަބު ޤާނޫނީކުރުމަށް ކުރާ މަސައްކަތަކީ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ، އަދި ދިފާއުވުމުގެ ހައްޤު ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތެއްގެ ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން