Ads by Stelco

ޚަބަރު

މިރޭ 12އިން ފެށިގެން މާރުކޭޓް ސަރަހައްދު ބަންދުކުރަނީ

މިރޭ 12އިން ފެށިގެން މާރުކޭޓް ސަރަހައްދު ބަންދުކުރަނީ

ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ދައްކުވައިދޭ މެޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 11:31

21 ޑިސެމްބަރު 2025، 11:31

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާ ގުޅިގެން، މާލޭގެ އުތުރު ފަރާތު މާރުކޭޓް ސަރަހައްދު މިރޭ 12:00 އިން ފެށިގެން ޓްރެފިކަށް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ނޯތު ހާބަރު ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިރޭގެ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ސަރަހައްދަކީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު ގުޅޭ ހިސާބުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބާ ދެމެދު ކަމަށެވެ. މިއީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ މުހިންމު ބައެކެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން ވަނީ އެންގާފައެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެމްޕީއެލްއިން އެދިލައްވައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 3 މަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ކުރިއަށްދާ މުއްދަތުގައި އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމްޕީއެލްއިން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން