ޚަބަރު
"މޯލްޑިވްސް 2.0 އަކީ ތަރައްޤީގެ ޕްލޭންގައި ވަރަށް މާނަފުން، ހިންގުމުގެ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނުވާނެކަމެއް"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް 2.0 އަކީ ތަރައްޤީގެ ޕްލޭންގައި ވަރަށް މާނަފުން، ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނުވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްޤީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަރޕްލޭނެއް ހަދައި، ޖީ.ޑީ.ޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތަފްޞީލްތަކުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން އެމަނިކުފާނުގެ ވިދާޅުވިއެވެ. އަދި މިކަންކަމާއި އެކުއެކީގައި ތަރައްޤީގެ މަސައްކަތްތައް ތާވަލުކުރެވިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިންގ މަޝްރޫޢުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ސޮއިކުރެވި، އެ މަޝްރޫޢުތައް ހިނގަމުންދާކަން ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު، މިމަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައިވެސް މަޝްރޫޢުތަކެއް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭގެ ފޭސް 1 ގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އޭގެތެރެއިން ޖުމްލަކޮށް ދެވެންހުރި މަޢުލޫމާތުތަކާއި އަދި ވަކިވަކި ފަރުދުންގެ ބައެއް ކަންބޮޑުވުންތަކާގުޅޭ މަޢުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ރައްޔިތުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމަށާއި، ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.