ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން 'އެމިރޭޓްސް' އަށް ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޤައުމީ އެއަރލައިން 'އެމިރޭޓްސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން އެމިރޭޓްސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެވީ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އެވެ. މި ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި، އެމިރޭޓްސްގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން، އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އެމިރޭޓްސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި 310 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް (EK660) އިން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސް އަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 އެވެ.
Highlights from the Welcome of Emirates to Terminal 1. pic.twitter.com/HtjRUbgj9b
— Maldives Airports Company Ltd (@MACLmedia) December 22, 2025
އެމިރޭޓްސް އަކީ، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 36 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.