Ads by Stelco

ޚަބަރު

ދިވެހި ތަރިކަ ދެމިއޮތުމަށްޓަކައި، 'އާޓިފިޝަލް އިންޓެލިޖެންސް'ގެ ދުނިޔެއަށް ތަރިކަ ހިޖުރަކުރަންޖެހޭ: ވަޒީރު އާދަމް ނަޞީރު

ދިވެހި ތަރިކަ ދެމިއޮތުމަށްޓަކައި، 'އާޓިފިޝަލް އިންޓެލިޖެންސް'ގެ ދުނިޔެއަށް ތަރިކަ ހިޖުރަކުރަންޖެހޭ: ވަޒީރު އާދަމް ނަޞީރު

ވަޒީރު އާދަމް ނަޞީރު އިބްރާހިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޑިސެމްބަރު 2025، 03:45

22 ޑިސެމްބަރު 2025، 03:45

ދިވެހި ތަރިކަ ދެމިއޮތުމަށްޓަކައި، 'އާޓިފިޝަލް އިންޓެލިޖެންސް' (އޭއައި) ނުވަތަ ސިނާއީ ތޫނުފިލިކަމުގެ ދުނިޔެއަށް ދިވެހި ތަރިކަ ހިޖުރަކުރަންޖެހޭ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިހާރު އަދި މާދަމާއަކީ ވެސް ސިނާއީ ތޫނުފިލިކަމުގެ ޒަމާނަށް ވުމާއެކު، ދިވެހި ތަރިކައިގެ ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި މި ބަދަލު ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓައިޒޭޝަން ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ތަރިކައިގެ ދާއިރާ އާ ޒަމާނަށް ހިޖުރަކުރުމަށްޓަކައި އެކަށޭނަ ޑާޓާ ބޭނުންވާނެ ކަމަށެވެ. މިއީ ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ތަރިކަ ޑިޖިޓަލްކުރުމުގެ ޤައުމީ މަޝްރޫޢު

ރައީސްގެ މި ތަޞައްވުރު ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިން މިހާރު ދަނީ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކޮށް ރެކޯޑްކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަމުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ދިވެހި ތަރިކަ ޑިޖިޓަލްކޮށް ރައްކާކުރުމާއި، އޭއައިގެ ދުނިޔެއަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޑާޓާ ބޭސް ޤާއިމްކުރުމެވެ.

މީގެ އިތުރުން، ދިވެހީންގެ އަސްލުތަކާއި، ސިފަތަކާއި، އަދި އުފެއްދުންތަކަކީ އެއީ ދިވެހި އެއްޗެއްކަން ޢިލްމީގޮތުން ކަނޑައެޅޭނެ ޔުނިފޯމް ފްރޭމްވޯކްތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. މި ފްރޭމްވޯކްތަކުގެ ސަބަބުން ދިވެހި ތަރިކައިގެ އަސްލުވަންތަކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

ވަޒީރު އާދަމް ނަޞީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ މަސައްކަތްތަކެއްގެ ސަބަބުން އޭއައިގެ ދުނިޔޭގައި ދިވެހި ތަރިކަ ދެމިއޮތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހިވަންތަކަން ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު ޢިލްމީ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން