ޚަބަރު
މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީ މަސްމާރުކޭޓަށް ވަދެވޭނީ ހަވީރީ ހިނގުމާއި ވީފަރާތުން: މާލެ ސިޓީ ކައުންސިލް
މާލޭގެ މަސްމާރުކޭޓް. ފޮޓޯ: އައްޑޫ ލައިވް
މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މަސްމާރުކޭޓަށް ވަދެނިކުމެ ހެދުމަށް ބޭނުންކުރާ ދޮރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މަގު ހެދުމުގެ މަސައްކަތް ނިމެންދެން މަސްމާރުކޭޓަށް ވަދެނިކުމެ ހެދޭނީ ހަވީރީ ހިނގުމާ ވީ ފަރާތުންނެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، ބޮޑުތަކުރުފާނު މަގުން މަސްމާރުކޭޓަށް ވަދެވޭ ގޮތަށް ހުންނަ ދޮރު މިހާރު ވަނީ ބަންދުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކުގެ ތެރެއިން، މުހައްމަދު އިސްމާޢީލް ދީދީ ގޯޅިން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދުކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދުގައި މިވަގުތު ދުއްވާ އެއްޗެއްސަށް ދަތުރެއް ނުކުރެވޭނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލްއިން ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިހާރު އެމްއެމްއޭ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަހަށް ފުރާ ދޯނިތައް އެޅުމަށްޓަކައި އެމްއެމްއޭ ކުރިމަތިން ވަކި ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ކުރިއަށްދާ މި މަސައްކަތުގެ ދަށުން 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކަމާގުޅުންހުރި އިދާރާތަކުން ވަނީ މަގުތައް ބަންދުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކަށް ސަމާލުވުމަށާއި، އެ ސަރަޙައްދުތައް ބޭނުން ކުރުމުގައި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.