ދުނިޔެ

މޮސްކޯގައި ކާރެއް ގޮއްވާލައި ރަޝިޔާގެ ސީނިއާ ޖެނެރަލަކު މަރާލައިފި

މޮސްކޯގައި ކާރެއް ގޮއްވާލައި ރަޝިޔާގެ ސީނިއާ ޖެނެރަލަކު މަރާލައިފި

މޮސްކޯގައި ކާރު ބޮމެއް ގޮއްވާލުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޑިސެމްބަރު 2025، 05:21

22 ޑިސެމްބަރު 2025، 05:21

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ދެކުނު ސަރަހައްދެއްގައި ކާރެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި ކަމަށް ތަހުޤީޤީ އިދާރާތަކުން ހާމަކޮށްފިއެވެ.

ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ރަޝިޔާގެ ޖެނެރަލް ސްޓާފްގެ އޮޕަރޭޝަނަލް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ފަނީލް ސަރްވަރޯވް އެވެ. މި ހަމަލާ ދީފައިވަނީ މޮސްކޯގެ ޔަސެނެވަޔާ މަގުގައި އޮތް ޕާކިންގް ލޮޓެއްގައި އޮތް އޭނާގެ ކާރުގެ ދަށުގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. ސަރްވަރޯވް މަރުވީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 55 އަހަރުގެ ސަރްވަރޯވް އަކީ ރަޝިޔާގެ އަސްކަރިއްޔާގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 1969 ވަނަ އަހަރު ރަޝިޔާގެ ޕާމް ރީޖަނަށް އުފަންވި ސަރްވަރޯވް ވަނީ 1990 ގެ އަހަރުތަކުގައި އޮސެޓިއަން-އިންގުޝް ހަނގުރާމައިގައާއި ޗެޗެން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، 2015 އާއި 2016 އާ ދެމެދު ސީރިއާގައި ރަޝިޔާއިން ހިންގި އަސްކަރީ އޮޕަރޭޝަންތައް ރޭވުމުގައާއި ތަންފީޒުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭނާ ޖެނެރަލް ސްޓާފްގެ އޮޕަރޭޝަނަލް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނީ 2016 ވަނަ އަހަރުއެވެ.

އިންވެސްޓިގޭޓިވް ކޮމިޓީގެ ތަރުޖަމާނު ސްވެޓްލާނާ ޕެޓްރެންކޯ ވިދާޅުވީ، މި މަރުގެ މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، މިއީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކުން ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން، ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މިފަދަ ހައި-ޕްރޮފައިލް މީހުން މަރާލުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖެނެރަލް އިގޯރް ކިރިލޯވް އަވަހާރަކޮށްލި ހަމަލާގެ ޒިންމާ ޔޫކްރެއިން އިން ވަނީ އުފުލާފައެވެ. އަދި ރަޝިޔާގެ ކަނޑުގެ ސިފައިންގެ ކެޕްޓަން ވަލެރީ ޓްރަންކޯވްސްކީ އާއި އަސްކަރީ ބްލޮގަރ މެކްސިމް ފޯމިން ވެސް ވަނީ މިފަދަ ހަމަލާތަކުގައި މަރުވެފައެވެ. ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާއާ ގުޅިގެން ޖިނާއީ ތަހުޤީޤެއް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން