Ads by Stelco

ޚަބަރު

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމާމެދު ގޮތެއް ނިންމަން މޭޔަރު ޢާޒިމް ކައުންސިލުގައި ވޯޓެއް ނަންގަވާފައެއް ނެތް: ޢަރީޝް

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމާމެދު ގޮތެއް ނިންމަން މޭޔަރު ޢާޒިމް ކައުންސިލުގައި ވޯޓެއް ނަންގަވާފައެއް ނެތް: ޢަރީޝް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޑިސެމްބަރު 2025، 05:22

22 ޑިސެމްބަރު 2025، 05:22

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މާލެ ސިޓީ ކައުންސިލުން ޙަވާލުވުމާ ގުޅޭގޮތުން މޭޔަރު އާދަމް ޢާޒިމް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

 ޢަރީޝް ވިދާޅުވީ މިކަމުގައި ގޮތެއް ނިންމުމަށް މޭޔަރު ކައުންސިލްގައި މިހާތަނަށް އެއްވެސް ވޯޓެއް ނަންގަވާފައި ނުވާ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު ޢަރީޝް ވިދާޅުވީ، ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ޙަވާލުވުމާ ގުޅޭގޮތުން މޭޔަރު ކަންކަން އޮޅުވާލައްވަމުން ގެންދަވާތީ ހިތާމަކުރައްވާ ކަމަށެވެ. "ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ؟ އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟" ޢަރީޝް ސުވާލު އުފެއްދެވިއެވެ.

ޢަރީޝް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެޗްޑީސީން ހުޅުމާލޭގައި ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމަށް މޭޔަރު ޢަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި މީޑިއާތަކުގައި މި ވާހަކަ ދައްކަވަނީ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރެއްވުމަށް ކަމަށާއި، މިއީ ރޯމާދުވާލު ރައްޔިތުންނަށް ފާޅުގައި ހައްދަވާ ދޮގެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލާ ޙަވާލުކުރެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ޙަޤީޤަތް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ބައްދަލުވުމެއްގައި ސާފުކޮށްދެއްވާފައިވާ ކަމަށް ޢަރީޝް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެ ނިންމެވުމަށް މޭޔަރު އިޖާބަ ނުދެއްވިކަމަށް ކައުންސިލްގައި ތިއްބެވި ޙަޤީޤަތް ދަންނަ ހުރިހާ މެންބަރުން ހެކިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެކަން ތަންފީޒު ކުރުމުގައި ކައުންސިލްގެ ތެރޭގައި އުފެދިފައިވާ ބޮޑު ޚިޔާލުތަފާތުވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން