ޚަބަރު
މިދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓްކުރުމަށް އެދިއްޖެ
ރާއްޖެއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް. ފޮޓޯ: ސަން
ހުލާސާ
އިރުވައި މޫސުމުގައި ރާއްޖޭގެ ސަރަހައްދަށް ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެދިއްޖެއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ.
އީއާރްއޭއިން ފާހަގަކުރި ގޮތުގައި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ޤަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެކެވެ. "މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ޤަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް" ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ދޫނިތައް މަޅިފަތިޖަހައިގެން ހިފާ، ފިޔަކޮށާ، ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ ދޫނިތައް ވިޔަފާރިކުރުމާއި އޮޅުދޫނި ގޮތުގައި ގެންގުޅޭކަން ފާހަގަކުރެވިފައިވާތީ، މިއީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ "Convention on Migratory Species" އާ ވެސް ޚިލާފު ކަމެއްކަމަށް އީއާރްއޭއިން ބުނެއެވެ.
އީއާރްއޭއިން ވަނީ މިފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަމުން ދުރުހެލިވުމަށާއި، ހިފާފައިވާ ދޫނިތައް ދޫކޮށްލުމަށް އަންގާފައެވެ. ގަވާއިދާ ޚިލާފަށް ދޫނި ހިފާ، ގެންގުޅޭ ނުވަތަ ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.
އެ އޮތޯރިޓީން އިތުރަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށެވެ. އަދި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އަންގާ އެންގުންތަކަށް ބޯލަނބައި، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށްވެސް އީއާރްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް އީއާރްއޭގެ ހޮޓްލައިން ނަންބަރު 7980379 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. މައުލޫމާތު ހިއްސާކުރާއިރު ދޫނި ހިފާ ފަރާތުގެ މައުލޫމާތާއި، ގެންގުޅޭ ތަން (ގޭގެ ނަން، ރަށް، އަތޮޅު)، ދޫނީގެ ބާވަތް އަދި ފޮޓޯ ނުވަތަ ވީޑިއޯ ފަދަ ހެކި ހިމެނުމަށް އެ އޮތޯރިޓީން ބާރުއަޅައެވެ.