ދުނިޔެ
އިޒްރާއީލް ސިފައިން ގަބާތިއްޔާގައި 16 އަހަރުގެ ފަލަސްތީނު ކުއްޖަކު ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފި
އިޒްރާއިލުން ޝަހީދުކޮށްލި ރަޔާން މުޙައްމަދު ޢަބްދުލް ޤާދިރު އަބޫ މާލާ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީންގެ ދެކުނުން އޮންނަ ގަބާތިއްޔާ އަވަށުގައި، އިޒްރާއީލުގެ އިސްތިއުމާރީ ސިފައިން ވަރަށް ކައިރިން ބަޑިޖަހާ ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރާއީލް ސިފައިންގެ ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 16 އަހަރުގެ ރަޔާން މުޙައްމަދު ޢަބްދުލް ޤާދިރު އަބޫ މާލާ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ އެ ކުއްޖާގެ ހަށިގަނޑު ހިފަހައްޓަމުންނެވެ.
މި ޖަރީމާ ހިނގި ގޮތް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ރުޅިވެރިކަން ވަނީ އުފެދިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ރަޔާން މަގުމަތިން ހިނގާފައި ދަނިކޮށް، ކުއްލިއަކަށް އިޒްރާއީލް ސިފައިންނާ ދިމާވެއެވެ. ސިފައިން ވަނީ އެއްވެސް އިންޒާރަކާ ނުލައި ވަރަށް ކައިރިން އޭނާގެ ގަޔަށް ބަޑިޖަހާފައެވެ. ބަޑީގެ ހަމަލާ އަމާޒުވުމާއެކު އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިޒްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމްބިއުލާންސްތަކަށް އެ ސަރަހައްދަށް ވަނުމަށް ހުރަސްއަޅާފައެވެ. މީގެ ސަބަބުން ޒަޚަމްވި ކުއްޖާ ބިންމަތީގައި ލޭ އޮހޮރުނު ގޮތަށް އޮވެ، ފަރުވާ ނުލިބި ޝަހީދުވީއެވެ. އިޒްރާއީލް ސިފައިންގެ މި އަމަލަކީ އެއްވެސް ނުރައްކަލެއް ނެތް ހާލަތެއްގައި ހިންގާފައިވާ "މައިދާނީ ޤަތުލުއާންމެއް" ގެ ގޮތުގައި އެކްޓިވިސްޓުން ސިފަކުރެއެވެ.
އިޒްރާއީލް ސިފައިން ބުނަމުންދަނީ އެ ކުއްޖާ ސިފައިންނާ ދިމާލަށް އޮއްގައު އުކި ކަމަށެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯއިން އެނގޭ ގޮތުގައި އޭނާ ހުރީ ސިފައިން ފެނުމުން ޖެހިލުންވެ ބިރުގަނެފައެވެ. އަދި އޭނާގެ ފަރާތުން ސިފައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.
2023 އޮކްޓޯބަރު 8 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާ އެކު، ހުޅަނގު އައްސޭރީގައިވެސް އިޒްރާއީލް ސިފައިންނާއި ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުދެވޭތީ، ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ އޮތީ އަބަދުވެސް ނުރައްކަލުގެ ތެރޭގައެވެ.