ދުނިޔެ

ސުލްޙައިގެ އެއްބަސްވުމަށްފަހު އިޒްރާއީލުން ދިން ހަމަލާތަކުގައި 400 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެއްޖެ

ސުލްޙައިގެ އެއްބަސްވުމަށްފަހު އިޒްރާއީލުން ދިން ހަމަލާތަކުގައި 400 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެއްޖެ

އިޒްރާއިލުން ޣައްޒާއަށް ދޭ ހަމަލާތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޑިސެމްބަރު 2025، 07:52

22 ޑިސެމްބަރު 2025، 07:52

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން، އިޒްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގައި 400 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުލްޙައިގެ އެއްބަސްވުން ޤާއިމުކުރި ފަހުން މިހާތަނަށް 405 ފަލަސްތީނު މީހުން ޝަހީދުވެ، 1,115 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 4 މީހުންވެސް ހިމެނެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރި ފަހުން، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއްބަސްވުމާ ޚިލާފުވެ ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 10 އިން ޑިސެމްބަރު 12 އާ ދެމެދު އިޒްރާއީލުން ވަނީ މަދުވެގެން 738 ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ.

މި މުއްދަތުގެ ތެރޭގައި އިޒްރާއީލުން ވައިގެ މަގުންނާއި، އާޓިލަރީ އަދި ސީދާ ބަޑީގެ ހަމަލާތައް ދީފައިވެއެވެ. މީގެ ތެރޭގައި އާންމުންގެ ގަޔަށް ބަޑިޖެހުމުގެ 205 ހާދިސާއަކާއި، ރެސިޑެންޝަލް ސަރަހައްދުތަކަށް ވަދެގަތުމުގެ 37 ހާދިސާގެ އިތުރުން، 358 ފަހަރު ބޮން އެޅުމާއި ޝެލް ހަމަލާ ދިނުން ހިމެނެއެވެ.

ހަމަލާތަކުގެ އިތުރުން، އިޒްރާއީލުން ވަނީ ފަލަސްތީނު ރައްޔިތުންގެ 138 މުދަލެއް ސުންނާފަތިކޮށް، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ގާޒާއިން 43 މީހަކު ހައްޔަރުކޮށްފައެވެ. އަދި ގާޒާއަށް ބޭނުންވާ އަސާސީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، އާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ހަލާކުކުރުން އިޒްރާއީލުން ދަނީ ކުރިއަށް ގެންދަމުންނެވެ.

"އިޒްރާއީލުން ދަނީ ސުލްޙައިގެ އެއްބަސްވުމަށް އެއްވެސް އިޚްތިރާމެއް ނުކޮށް، ކޮންމެ ދުވަހަކު ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކުރަމުން،" މީޑިއާ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން