ދުނިޔެ
ފަލަޞްތީނު އަސީރުން ބޭތިއްބުމަށް ކިނބޫތަކުން ވަށާލެވިފައިވާ ޖަލެއް ހެދުމަށް ބެން-ގްވީރު ހުށަހަޅައިފި
އިޒްރާއީލުގެ ހަރުކަށި ފިކުރުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު
އިޒްރާއީލުގެ ހަރުކަށި ފިކުރުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ފަލަޞްތީނުގެ އަސީރުން ބޭތިއްބުމަށްޓަކައި ކިނބޫތަކުން ވަށާލެވިފައިވާ ހާއްސަ ޖަލެއް ޤާއިމުކުރުމަށް ހުށަހަޅައިފިއެވެ.
މިއީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އާދަޔާ ހިލާފު ހުށަހެޅުމެކެވެ.
އިޒްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރާއީލް ޕްރިޒަން ސާވިސް (އައިޕީއެސް) އިން މިހާރު ދަނީ ޖަލުން ފިލުން ހުއްޓުވުމުގެ ބޭނުމުގައި ހުށަހެޅި މި "އާދަޔާ ޚިލާފު ހުށަހެޅުން" މުރާޖައާ ކުރަމުންނެވެ. މި ހުށަހެޅުން ބެން-ގްވީރު ހުށަހެޅީ އައިޕީއެސްގެ ޗީފް ކޮމިޝަނަރު ކޯބީ ޔާކޯބީއާއެކު ބޭއްވި ސަލާމަތީ ބައްދަލުވުމެއްގައެވެ. މި ޖަލު ހެދުމަށް ހުށަހަޅާފައިވަނީ އިޒްރާއީލުން ހިފާފައިވާ ސޫރިޔާގެ ގޯލާން ހައިޓްސްގެ އުތުރުގައި އޮންނަ ހަމަތު ގަދަރު ކައިރީގައެވެ.
މި ހުށަހެޅުން އައިސްފައިވަނީ ފަލަޞްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ހުއްދަދޭ ބިލެއް ފާސްކުރުމަށް ބެން-ގްވީރު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ބިލުގެ ދަށުން، އިޒްރާއީލު މީހުން މެރުމުގެ ތުހުމަތު ކުރެވޭ ފަލަޞްތީނު މީހުންނަށް މަރުގެ އަދަބު ދިނުން މަޖުބޫރުވާނެއެވެ. ނަމަވެސް، ފަލަޞްތީނު މީހުން މަރާ އިޒްރާއީލު މީހުންނަށް މި ޤާނޫނު ނުހިނގާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަސީރުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޖަލުތަކުގެ ޙާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމު ފެށުނު ފަހުން، އިޒްރާއީލުގެ ބަންދުގައި ތިއްބާ މަދުވެގެން 86 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ގާޒާއަށް ނިސްބަތްވާ 50 މީހުން ހިމެނެއެވެ.
އަސީރުން ބައިތިއްބާފައިވާ ޙާލަތާ ބެހޭގޮތުން އިޒްރާއީލުގެ ޕަބްލިކް ޑިފެންޑަރުގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އަސީރުންނަށް ކާބޯތަކެތި މަދުކުރުމުގެ ސަބަބުން ގިނަ ބަޔަކު ބަނޑަށް ޖެހި، ހަށިގަނޑު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ކަމަށެވެ. އަދި އަސީރުން ބައިތިއްބާފައިވަނީ އަލިކަމެއް ނެތް، ވައި ދައުރުނުވާ، ހޫނު ގަދަ ކުޑަ ގޮޅިތަކެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަސީރުންގެ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި 2023 އޮކްޓޯބަރުގެ ފަހުން އިޒްރާއީލުގެ ޖަލުތަކުގައި ހިންގަމުންދާ ނިޒާމީ ޖަރީމާތަކަކީ 1967 ވަނަ އަހަރަށްފަހު ފެނިފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު އަދި އަނިޔާވެރި ދުވަސްވަރެވެ. މިހާރުވެސް އިޒްރާއީލުގެ ޖަލުތަކުގައި 10,800 އަށްވުރެ ގިނަ ފަލަސްތީނު މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 450 ކުޑަކުދިންނާއި 87 އަންހެނުން ހިމެނޭއިރު، 3,629 މީހުން ބަންދުގައި ތިބީ އެއްވެސް ދައުވާއެއް ނުވަތަ ޝަރީޢަތަކާ ނުލައެވެ.