ޚަބަރު
ވައި ނުސާފުވުމާ ގުޅިގެން މާސްކު ބޭނުންކުރުމާއި ރައްކާތެރިކަމުގެ އިތުުރު ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
މާލެ ސަރަހައްދުގެ ވައިނުސާފުވުން. ފޮޓޯ: މިހާރު
ހުލާސާ
ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މާލެ ސަރަޙައްދާއި ބައެއް އަތޮޅުތަކުގެ ވައިގެ ކޮލިޓީ މިހާރު ހުރީ އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ދަށަށް ގޮސްފައެވެ.
ޤައުމީ ޔުނިވާސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 175 ގައެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫގެ ވައި ނުސާފު މިންވަރު ހަވީރު ވަގުތު 160 އަށް ވުރެ މަތީގައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެޗްޕީއޭގެ މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ އެއީ އެންމެންނަށް ނުރައްކާވާ މިންވަރު ކަމަށްވާތީ އެ ސަރަހައްދުތަކަށް ވަނީ ރެޑް އެލާޓް ނެރެފައެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހީމް އަޝްރަފް ވިދާޅުވީ، މި ހާލަތުގައި ނާޒުކު ސިއްޙީ ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ބޭރަށް ނިކުމެ އުޅުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. ހާއްސަކޮށް ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
"އެފަދަ ފަރާތްތައް ބޭރަށް ނިކުންނަ ނަމަ އެން 95 މާސްކް ބޭނުން ކުރުން. އަދި ބޭރުގެ ވައި ނުސާފު ނަމަ ގެއަށް އޭގެ އަސަރު ނުކުރާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން. އަދި އޭގެ އިތުރަށް އެއަރ ޕިއުރިފަޔަރ އެއް ފަދަ އެއްޗެއްވެސް ބޭނުން ކުރެވިދާނެ،" އަޝްރަފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވައި ނުސާފުވާ މިންވަރު މޮނިޓަރކޮށް، އެއަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
މާލެ ސަރަހައްދު ރަތް ސަމާލުގައި އޮތްއިރު، ރާއްޖޭގެ މެދުތެރޭގެ ބައެއް ސަރަހައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ބައެއް އެހެން ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ހުރިހާ ސަރަހައްދުތަކެއްގައިވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރުގައި އުޅުން މަދުކޮށް، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ވައިގެ ސާފުމިންވަރު ބެލުމަށްޓަކައި ތިމާވެއްޓާބެހޭ ވުޒާރާގެ އައިކިއު އެއަރ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. މިދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަނީ އިރުވައި މޫސުމުގެ ވައިގެ އޮއިވަރު ހުންނަ ގޮތުން، އިންޑިއާ އާއި ހިމާލިޔާ ސަރަހައްދުން އަންނަ ދުމާއި ހިރަފުހުގެ އަސަރު ރާއްޖެއަށް ކުރާތީއެވެ.