ކުޅިވަރު

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅޭނެ އެންމެ ވާދަވެރި އަންހެނުންގެ ފުޓުބޯޅަ މެޗު

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅޭނެ އެންމެ ވާދަވެރި އަންހެނުންގެ ފުޓުބޯޅަ މެޗު

އޮޑި ސްޕޯޓްސްގެ ސާލިޔާ އާއި މާޒިޔާގެ ނޭޕާލް ކުޅުންތެރިޔާ ރޭކާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޑިސެމްބަރު 2025، 10:19

23 ޑިސެމްބަރު 2025، 10:19

މިއަދު ހަވީރު ގަލޮޅު ދަނޑުގައި އެފްއޭއެމް ވިމެންސް ލީގު 2025ގެ އެންމެ ފަހު މެޗު ކުޅުމަށް ތާވަލުކޮށްފައިވާއިރު، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅޭނެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އަންހެނުންގެ ފުޓުބޯޅަ މެޗަށް ވާނެކަން ޔަޤީނެވެ.

2014ވަނަ އަހަރަށްފަހު އަންހެނުންގެ ފުޓުބޯޅަ ލީގު ފުރަތަމަ ފަހަރަށް އެފްއޭއެމްއިން ކުރިޔަށްގެންދާއިރު، މި އަހަރު ވެސް ޓީމުތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ. އެއީ ހުރިހާ ޓީމުތަކުގެ ވެސް ޝަކުވާއެކެވެ.  

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެކުރިން އެންމެ ފަހުން އެފްއޭއެމްއިން އަންހެނުންގެ ފުޓުބޯޅަ ލީގެއް ބޭއްވުމަށް މަސައްކަތްކުރީ 2017ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ނަމަވެސް އެ ފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ވެސް ދިން މުއްދަތު ކުޑަވުމުން، ބައިވެރިވެފައިވަނީ ހަމައެކަނި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެހެންކަމުން އެ ފަހަރު ވެސް މުބާރާތް ކުރިޔަށް ނުގެންދެވުނެވެ.

ލީގުގެ ފަހު މެޗު މިއަދު ހަވީރު ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ. މި ދެ ޓީމަކީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ހަމައެކަނި ދެ ޓީމެވެ. ނަމަވެސް ކޮންމެ ޓީމެއް ވެސް އެއް މެޗުން އެއްވަރުވެފައި ވުމުން، ދެ ޓީމަށް ވެސް ލިބިފައި ވަނީ 4 މެޗުން 10 ޕޮއިންޓެވެ.

ލީގުގައި މާޒިޔާ އެއްވަރުވެފައި ވަނީ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ވިކްޓަރީއިން އެ ޓީމުގެ ދެ ގޯލު ކާމިޔާބުކުރީ، މާޒިޔާއިން ފުރަތަމަ ހާފުގައި ދެ ގޯލު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ.

ލީގުގައި އޮޑި ސްޕޯޓްސް އެއްވަރުވެފައި ވަނީ އެ ޓީމުން ނިއު ރޭޑިއަންޓާ ދެކޮޅަށް، ލީގުގެ ފުރަތަމަ މެޗުގައެވެ. އެ މެޗުގެ ކުރީކޮޅު ނިއު ރޭޑިއަންޓުން ލީޑު ނަގާފައި ވަނިކޮށް، އޮޑި ސްޕޯޓްސްއިން ނަތީޖާ ހަމަހަމަކުރީ ފަހު ހާފުގައެވެ.

ލީގު ކާމިޔާބުކުރާނެ ޓީމެއް ކަށަވަރުވެގެން ދާނެ މެޗަށް ނިކުންނައިރު ދެ ޓީމު އޮތީ ފައިދާ ގޯލުން ވެސް އެއްވަރުވެފައެވެ. ނަމަވެސް މާޒިޔާއަށް ކުރި ލިބިފައި ވަނީ އޮޑި ސްޕޯޓްސްއަށް ވުރެ އެއް ގޯލު އިތުރަށް ޖަހާފައިވުމުންނެވެ. އެހެންކަމުން ލީގު ކާމިޔާބުކުރުމަށް އޮޑި ސްޕޯޓްއަށް ޖެހޭނީ މާޒިޔާ ބަލިކުރާށެވެ.

ވިމެންސް ފުޓްބޯލް ލީގުގައި މި ފަހަރު ވާދަކުރާ ހަ ޓީމަކީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450