ޚަބަރު
މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަޙައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖެއަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މާފަރުގައި ޤާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތް ކަމަށެވެ. އެހެންކަމުން، އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު ވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުން ބަލަހައްޓައި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަސްޓަމްސްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެ އޮފީހުން ކުރިއަށްގެންދާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން އެކްސްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި އިމްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި، އަދި ކުރިން މާލޭ އެއަޕޯޓުން ނުވަތަ މާލޭ ޕޯޓުން އެތެރެވެގެންއައި މުދާ، އެޕޯޓުތަކާއި އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން އަދި ދުނިޔޭގެ އެހެން މަންޒިލްތަކުން މިއަތޮޅަށް، މިރަށަށް ގެނެސް މި ރަށުގައި ކްލިއަރކުރުންފަދަ ޚިދުމަތްތައް މި ހުޅުވުނު ކަސްޓަމްސް އޮފީހުން ދެމުން ގެންދާނެ.
ވަޒީރު ވިދާޅުވިއެވެ.
ކަސްޓަމްސްއިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ވަޒީރު ވަނީ، އެޚިދުމަތްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިތުރަށް ފަސޭހަކުރުމުގެ މުހިންމުކަން ފާހަގަކުރާއްވާފައެވެ. އެގޮތުން، ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން ޚިދުމަތް ހޯދަން ކަސްޓަމްސްގެ އޮފީސްތަކަށް ގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ މޮޑެލްއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.