Ads by Stelco

ޚަބަރު

ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރަނީ

ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރަނީ

ސޯލާ ނިޒާމު ޤާއިމްކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 02:30

23 ޑިސެމްބަރު 2025، 02:30

ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރިޑްގެ ހަމަޖެހުން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

މި ނިޒާމު ހިންގަން ފެށުމާއެކު، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، އަހަރަކު 120،794 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި ކޮންމެ އަހަރަކު 296 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރޯޅިއަށް ދޫކުރުން ވެސް މަދުވެގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

ރާއްޖޭގެ ހަކަތައިގެ ސެކްޓަރަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ މަޝްރޫޢުތައް ހިންގުމަކީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިންމު ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450