Ads by Stelco

ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ

އެމްޑީޕީގެ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ

އެމްޑީޕީ ޕްރައިމަރީއެއްގައި ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 04:28

23 ޑިސެމްބަރު 2025، 04:28

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ. މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައެވެ. މިގޮތުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލީ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައި ކައުންސިލްތަކުގެ މެންބަރުންނާއި، ރަށު ކައުންސިލް ރައީސުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުން ހިމެނެއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހޮވުމަށް ޕްރައިމަރީ ބާއްވާނީ މާލެ ސިޓީ އާއި ތިނަދޫ ސިޓީގައެވެ. މި ދެ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް ކޮންމެ ސިޓީއަކުންވެސް ދެ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450