ޚަބަރު
ޕީއެންސީގެ ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެ
ޕީއެންސީގެ ޕްރައިމަރީއެއްގައި ވޯޓުލަނީ. ފޮޓޯ: ދިޔަރެސް
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން ބުނި ގޮތުގައި މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. މި ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.
ޕްރައިމަރީގައި ވާދަކުރާ 297 ކެންޑިޑޭޓުންގެ ތަފްސީލަށް ބަލާއިރު، ކައުންސިލް މެންބަރުކަމަށް 82 ކެންޑިޑޭޓުން، އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް 48 ކެންޑިޑޭޓުން، އަދި ކައުންސިލްތަކުގެ ރައީސްކަމަށް 47 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްކަމަށް 19 ކެންޑިޑޭޓުންނާއި މެންބަރުކަމަށް 98 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕީއެންސީން މޭޔަރު ހޮވުމަށް ޕްރައިމަރީ ބާއްވަނީ ހަމައެކަނި އައްޑޫ ސިޓީގައެވެ. އެ މަޤާމަށް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ދެ ކެންޑިޑޭޓަކު ވާދަކުރެއެވެ. ޕީއެންސީން ބުނީ ގިނަ ދާއިރާތަކަކުން ޕްރައިމަރީއަކާ ނުލައި ކެންޑިޑޭޓުން ކަށަވަރުވެފައިވާ ކަމަށާއި، އެ ފަރާތްތަކަށް ޓިކެޓް ލިބުނުކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެނގޭނެ ކަމަށެވެ.
ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ވޯޓުލާ މީހުންގެ ލިސްޓުވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މި އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ 9323686 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ހޮވުމަށް މިހާތަނަށް ޕްރައިމަރީ އިއުލާންކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން އެކަންޏެވެ.