ޚަބަރު
މާލެ ސަރަހައްދުން ވަގަށް ނެގި 967 ސައިކަލުގެ ތެރެއިން 89 އިންސައްތަ ހޯދައިފި: ފުލުހުން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ފުލުހުން
މާލެ ސަރަހައްދުން މިއަހަރުގެ މިހާތަނަށް ވަގަށް ނަގާފައިވާ ސައިކަލުތަކުގެ ބޮޑު ބައެއް ހޯދައި، ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނެގި 967 ސައިކަލުގެ ތެރެއިން 865 ސައިކަލު ނުވަތަ 89 އިންސައްތަ ސައިކަލު މިހާރު ވަނީ ފެނިފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މާލެ ޕޮލިސްގެ ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މިހާތަނަށް ހޯދިފައިވާ ސައިކަލުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 47 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ވަގަށް ނަގާ ސައިކަލުތައް ހޯދުމަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު މާލެ ސަރަހައްދުން 6,922 މައްސަލަ ހުށަހެޅިފައިވާއިރު، 2024 ވަނަ އަހަރު 6,246 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި ހިނގަމުންދާ 2025 ވަނަ އަހަރުގެ މިހާތަނަށް 4,145 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.
ސުޕްރިޑެންޓު އަބްދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މިއަހަރު ހުށަހެޅުނު 2,288 ވައްކަމުގެ މައްސަލައިގެ ތެރެއިން 67 އިންސައްތައަކީ ސައިކަލު ވައްކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ހުށަހެޅެނީ މޮބައިލް ފޯނު ވަގަށް ނެގުމުގެ މައްސަލަތައް ކަމަށާއި، އެއީ ޖުމްލަ ވައްކަމުގެ ދެ އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، 911 އަށް އަންނަ ކޯލްތަކަށް 2 އާއި 5 ސިކުންތާ ދެމެދުގެ ވަގުތެއްގައި އެޓެންޑުވަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިއަހަރު އެވްރެޖްކޮށް ދުވާލަކު 1,500 ކޯލް ފުލުހުންނަށް ލިބެއެވެ.
މާލެ، ވިލިމާލެ އަދި ތިލަފުށި އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް ހިމެނޭހެން 58,544 ފަހަރު މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް 13,445 ވެހިކަލް ބަލާ ފާސްކޮށްފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.