Ads by Stelco

ޚަބަރު

ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވަން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 103 މީހުންނާއި ސުވާލުކޮށްފި: ފުލުހުން

ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވަން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 103 މީހުންނާއި ސުވާލުކޮށްފި: ފުލުހުން

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ވަގުތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 05:03

23 ޑިސެމްބަރު 2025، 05:03

ރޭގަނޑު ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންގެ މައުލޫމާތު ސާފުކުރުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 102 އަށްވުރެ ގިނަ ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި މަސައްކަތަކީ ރާއްޖޭގެ އާންމު މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާ ކަމަށެވެ. މި ހަރަކާތުގެ ދަށުން ކޮންމެ ރޭގަނޑެއްގެ 12:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންގެ އައިޑެންޓިޓީ ކާޑާއި ވޯކް ޕާމިޓް ފަދަ ލިޔެކިޔުންތައް ދަނީ ބަލައިފާސްކުރަމުންނެވެ.

މި އޮޕަރޭޝަން ފެށުމުގެ މައިގަނޑު ސަބަބަކީ ބައެއް ބިދޭސީން ދަންވަރު ވަގުތުތަކުގައި އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރުމާއި، އިޖްތިމާޢީ މިންގަނޑުތަކާ ހިލާފަށް އުޅޭތީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ގިނަ ޝަކުވާތަކެއް ލިބެމުންދިއުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ރައީސް ވަނީ ފުލުހުންނަށް ޚާއްސަ އިރުޝާދުތަކެއް ދެއްވާފައެވެ.

މިހާތަނަށް ކުރިއަށްދިޔަ އޮޕަރޭޝަނުގައި ޤަވާއިދާ ހިލާފަށް އުޅުނު 12 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، ޤަވާއިދާ ހިލާފަށް ވިޔަފާރި މުޢާމަލާތްކުރި ހަތަރު ބިދޭސީއެއްގެ މައުލޫމާތު ވެސް ވަނީ ނަގާފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މީގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މަސައްކަތުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެމީހުން ރާއްޖޭގައި ދިރިއުޅެނީ ޤަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރާނެއެވެ. "ޤަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާއިމެދު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށްޓަކައި އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރާނެ،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުގެ ސަބަބުން މަގުމަތީގެ އަމާންކަން ގާއިމުވެ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450