ޚަބަރު
ޗުއްޓީ އާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަން މާދަމާ ފަށަނީ
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ވަގުތު
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" މާދަމާ ރެއިން ފެށިގެން ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށްދާނީ މާދަމާ ރެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އަހަރީ ޗުއްޓީއާ ދިމާކޮށް ކުށްވެރިންގެ އަދަދާއި ކުށްތައް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކުރުންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، "ޗުއްޓީ ދުވަސްވަރު ހިންގާ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. އެހެންކަމުން މާލޭގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެތެރޭގައި ހަރަކާތްތެރިވަމުންދާނެ" ކަމަށެވެ.
ޗުއްޓީއަށް ފުރައިގެންދާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ފުލުހުން ވަނީ އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ފުރައިގެންދާއިރު އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށާއި، ގޯތި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ. އަދި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އަމިއްލަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަ ސަރަހައްދުތަކުގައި ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ތަންތަނުގައި ޕާކުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ހޯދައި، ސަމާލުވުމަށްވެސް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.