ޚަބަރު
ތަކުރާރުކޮށް ވައްކަންކުރާ ހާހެއްހާ މީހުން މާލޭގައި އެބައުޅޭ: ފުލުހުން
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ވަގުތު
މާލެ ސަރަހައްދުގައި ތަކުރާރުކޮށް ވައްކަން ކުރާ 1000 އެއްހާ މީހުން އުޅޭކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، މާލޭގައި ފުލުހުންގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުން ވިދާޅުވީ، މި މީހުންގެ ތެރެއިން ގިނައީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ ފަރާތްތައް ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޖުމްލަ 3,449 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 1,425 މައްސަލައަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު 967 ސައިކަލު ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 865 ސައިކަލު ވަނީ ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ޖުމްލަ 50,483,610 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ، ވައްކަން ކުރުމުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުންގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދި އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެ ތެރެއިން މުޖުތަމައުން އެކަހެރިކުރުމަށް ހުކުމް ކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ ނަތީޖާ ހައެއްކަ މަހުން ފެންނާނެ
ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު
މިއަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 2,288 މައްސަލައެއް ފުލުހުން ބަލާފައިވާއިރު، 2,542 މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި މީގެ ތެރެއިން 107 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.