ޚަބަރު
މިހާތަނަށް 102 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ގާއިމްކޮށް ވިއުގަ އަޕްގްރޭޑްކޮށްފި: ވަޒީރު ޠާރިޤް
ވަޒީރު ޠާރިޤް. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ 102 ރަށެއްގައި މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމްތައް ޤާއިމްކޮށް، ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ބޭނުންކުރާ ކަރަންޓުގެ 92 އިންސައްތަ އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުންނެވެ. އަދި އިއާދަކުރަނިވި ހަކަތައިން އުފައްދަނީ އެންމެ 8 އިންސައްތަ ކަމަށްވާއިރު، ތެޔޮ އެތެރެކުރުމަށް އަހަރަކު 8.9 ބިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި 2023 ވަނަ އަހަރު 53 މެގަވޮޓުގައި ހުރި އިއާދަކުރަނިވި ހަކަތައިގެ މިންވަރު މިހާރު ވަނީ 110 މެގަވޮޓަށް އިތުރުކުރެވިފައެވެ.
މިހާތަނަށް ނިމިފައިވާ މަޝްރޫއުތަކުގެ ދަށުން 28 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމާއި 10 މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ގާއިމްކޮށްފައިވެއެވެ. މީގެ ސަބަބުން އަހަރަކު 13 މިލިޔަން ލީޓަރުގެ ޑީސަލް ނުވަތަ 190 މިލިޔަން ރުފިޔާ ސަލާމަތްކުރެވެއެވެ. މީގެ އިތުރުން، އިތުރު 101 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތައް ނިމުމުން އަހަރަކު 1.1 ބިލިޔަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަކަތައިގެ ދާއިރާއިން ކުރިއަށްދާ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ 100 ކިލޯ ވޮޓުގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި 4 ރަށެއްގައި ސޯލާ އެސިސްޓެޑް ކޮމިއުނިޓީ އައިސްޕްލާންޓް ޤާއިމްކުރުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަންތަން ކޮމިޝަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން 25 ކިލޯ ވޮޓުގެ ކަނޑުގެ އޮއިވަރުން ކަރަންޓު އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އާންމު ގޭބިސީތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 'މަގޭ ސޯލާ' ޕްރޮގްރާމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ގޭބިސީތަކުގައި ނެޓް މީޓަރިން އުސޫލުން ސޯލާ ޕީވީ ގާއިމްކޮށްދިނުމުގެ ޕްރޮގުރާމްގެ ދަށުން ބައިވެރިންނަށް 90 އިންސައްތައާ ހަމައަށް ބިލު ކުޑަކުރުމުގެ ފުރުސަތު ލިބޭ. ކަރަންޓު ބިލުން ސަލާމަތްކުރެވޭ ފައިސާއިން އިންސްޓޯލްމަންޓަށް ނިޒާމުގެ އަގު ދެއްކޭނެ" ކަމަށެވެ.
ހަކަތައިގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ދަނޑުވެރިކަމަށް ޚާއްސަ 'ސޯލާ އެސިސްޓެޑް އިރިގޭޝަން' ނިޒާމެއް ގާއިމްކުރުމުގެ ބީލަން މަރުހަލާ ކުރިއަށްދާކަމާއި، ސޯލާ ފެރީއެއް ބަނުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވަޒީރު ޠާރިޤް ވަނީ ހާމަކުރައްވާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.