Ads by Stelco

ޚަބަރު

މިއަހަރުގެ ފަތުރުވެރިކަމުގެ އާމްދަނީ 16 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވިއްޖެ

މިއަހަރުގެ ފަތުރުވެރިކަމުގެ އާމްދަނީ 16 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވިއްޖެ

ރާއްޖެގެ ރިސޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 05:55

23 ޑިސެމްބަރު 2025، 05:55

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ނިމިދިޔަ އަހަރާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިއަދު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ، ސަރުކާރުން މިހާރު ޢަމަލުކުރަމުންދާ ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގެ ދަށުން 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ފަތުރުވެރިން އަންނަ އަދަދާއި ރާއްޖޭގައި ހޭދަކުރާ މިންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް 2.04 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު އެ އަދަދު 2.24 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ. އާމްދަނީގެ ގޮތުން ބަލާއިރު، މިދިޔަ އަހަރު ލިބުނު 4.79 ބިލިއަން ޑޮލަރުގެ ބަދަލުގައި، މި އަހަރު 5.55 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފައެވެ. ވަޒީރު ވިދާޅުވީ މިއީ ގާތްގަނޑަކަށް 16 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ސިނާއަތް ފުޅާކުރުމުގެ ގޮތުން މި ސަރުކާރުން މިހާތަނަށް ފަތުރުވެރިކަމުގެ ބޭނުމަށް 27 ތަނެއް ދޫކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ކްލޯޒްޑް ބިޑިންގެ ދަށުން ދޫކުރި 13 ތަނަކާއި، ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރި 10 ތަނެއްގެ އިތުރުން އޯޕަން ބިޑިންގެ ދަށުން ދޫކުރި 4 ތަނެއް ހިމެނެއެވެ.

ހާއްސަ ގޮތެއްގައި، މުޅިން އަލަށް ތައާރަފުކޮށްފައިވާ "ޙަލާލް ޓޫރިޒަމް" ކޮންސެޕްޓުގެ ދަށުން ތަރައްގީކުރަން ދޫކުރާ ތަންތަނަށްވެސް ސަރުކާރުން ވަނީ ހާއްސަ ލުއިތަކެއް ދީފައެވެ. އެގޮތުން ލީސް އިކުއިޒިޝަން ކޯސްޓު 20 އިންސައްތަ ދަށްކޮށްދިނުމާއި، ގްރޭސް ޕީރިއަޑު ހަމަވުމުގެ ކުރިން ރަށް ތަރައްގީކޮށް ނިންމައި ހުޅުވައިފިނަމަ، ބާކީ އޮތް މުއްދަތަށް ބިމުގެ ކުލި ދައްކަން ނުޖެހުމާއި، ކެޕިޓަލް އިންވެސްޓްމަންޓުގެ 20 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކޮށްދިނުން ފަދަ ހިތްވަރުދޭ ފިޔަވަޅުތައް ހިމެނެއެވެ.

މީގެއިތުރުން، ފަތުރުވެރިކަން ތަރައްގީވެފައި ނެތް ހަ އަތޮޅެއްގައި މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ވަނީ ލީސް އިކުއިޒިޝަން ކޯސްޓު ކުޑަކޮށްދިނުމާއި، ޑިއުޓީ މައާފުކޮށްދިނުން ފަދަ އިތުރު ލުއިތަކެއްވެސް ތައާރަފުކޮށްފައެވެ. މި ސިޔާސަތުތަކުގެ ބޭނުމަކީ ފަތުރުވެރިކަމުގެ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450