ދުނިޔެ

އިންޑިއާ އާއި ނިއުޒީލެންޑުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމައިފި

އިންޑިއާ އާއި ނިއުޒީލެންޑުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ނިއުޒިލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 06:52

23 ޑިސެމްބަރު 2025، 06:52

އިންޑިއާ އާއި ނިއުޒީލެންޑާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ދެ ޤައުމުން ނިންމައިފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެތައް މިލިއަން ޑޮލަރަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާ އާއި ނިއުޒީލެންޑުން ހޯމަ ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. މި ނިންމުން އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ގުޅިގެން، ގިނަ ގައުމުތަކަކުން އެ ގައުމުތަކުގެ ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ނިއުޒީލެންޑަށް އެކްސްޕޯޓްކުރާ ހުރިހާ މުދަލަކުން ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ. މީގެ ބަދަލުގައި ނިއުޒީލެންޑުން އިންޑިއާއަށް އެކްސްޕޯޓްކުރާ މުދަލުގެ 95 އިންސައްތައަށް، އެކި މަރުހަލާތަކަށް ބަހާލައިގެން ޑިއުޓީގެ ލުއިތަކާއި މާކެޓް އެކްސެސް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކިރުގެ ބާވަތްތަކާއި، މޭވާއާއި، ވޫލް، އަދި ރަލުގެ ބާވަތްތަކެވެ.

އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެނީ ފޭރާމާއި، އިންޖިނިއަރިންގް މުދަލާއި، ހަމުގެ ބާވަތްތަކާއި، އަދި ކަނޑުމަހުގެ އުފެއްދުންތަކަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް 15 އަހަރު ތެރޭގައި ނިއުޒީލެންޑުން އިންޑިއާގައި 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އިންޑިއާގެ ހުނަރުވެރި މަސައްކަތްތެރިންނަށް ނިއުޒީލެންޑުގެ ވަޒީފާގެ ބާޒާރަށް ވަނުމަށް ފަސޭހަ މަގުތަކެއް ފަހިވެގެންދާނެ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ބުނެއެވެ.

ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ވިހި އަހަރު ތެރޭގައި އަހަރަކު 1.1 ބިލިއަނާއި 1.3 ބިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް އެކްސްޕޯޓް އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "ވިޔަފާރި ކުރިއެރުވުމުގެ މާނައަކީ ނިއުޒީލެންޑުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކާއި، މަތީ އުޖޫރައާއި، އަދި ގިނަ ފުރުސަތުތަކެއް ލިބިގެންދިއުން"، ލަކްސަން ވިދާޅުވިއެވެ.

ނަމަވެސް، މި އެއްބަސްވުމަށް ނިއުޒީލެންޑުގެ 'ނިއުޒީލެންޑް ފަސްޓް' ޕާޓީން ވަނީ ފާޑުކިޔާފައެވެ. އެ ޕާޓީގެ ލީޑަރު ވިންސްޓަން ޕީޓާސް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި ހާއްސަކޮށް އިމިގްރޭޝަންގެ ކަންކަމުގައި ނިއުޒީލެންޑުން މާ ބޮޑެތި ދޫތަކެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ބައެއް ނާޒުކު ދާއިރާތަކަށްވެސް މި އެއްބަސްވުމުގެ ސަބަބުން އަސަރުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ވަނީ ބައެއް ދާއިރާތަކުން އިސްތިސްނާ ހޯދާފައެވެ. އޭގެ ތެރޭގައި ހަނޑޫ، ގޮދަން، ހަކުރު، އަދި ބައެއް ކަހަލަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. އިންޑިއާގެ ޗީފް ނެގޯޝިއޭޓަރު ޕްރިޔާ ދަމްނީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ފައިނަލް ލިޔެކިޔުންތައް ނިމުމުން އަންނަ އަހަރުގެ ކުރީކޮޅު ރަސްމީކޮށް ސޮއިކުރެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450