ޚަބަރު
މިސްކިތްތަކުގައި ބަހައްޓާފައިވާ ބައެއް ސުތުރާތަކަކީ ސުންނަތުގެ މަފްހޫމާ ޚިލާފު ތަކެތި: ވަޒީރު ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް
މިސްކިތްތަކުގައި ނަމާދުކުރާއިރު ކުރިމަތީގައި ބެހެއްޓުމަށް "ސުތުރާ" ގެ ނަމުގައި ބޭނުންކުރަމުންދާ ބައެއް ތަކެއްޗަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ޚިލާފު ތަކެތި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެއްޓުމަށްޓަކައި އެކި ސިފަސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީ ކައުންސިލްތަކުގައި އެދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ އެފަދަ ތަކެއްޗަކީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް، އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. "ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް އިރުޝާދު ދެއްވީ މިސްކިތްތަކުގައި އެފަދަ ތަކެތި ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުމަށެވެ. އެގޮތުން މިސްކިތުގެ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތަށް ޢަމަލުކުރުމުން ނަމާދުގައި ސުތުރާ ބޭނުންކުރުމުގެ ކަންތައް ސީދާ ސުންނަތާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށް ފެންނަ ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.