ޚަބަރު
ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ފީއަކާ ނުލާ ޚިދުމަތްދެނީ
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ހައުސިންގް މިނިސްޓްރީ
ހުލާސާ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށްޓަކައި ކުރިއަށްދާ މަސައްކަތުގެ ސަބަބުން، ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ. ނަމަވެސް، 1 ނަމްބަރު ޖެޓީއަށް ކައިރިކޮށް އުޅަނދުތައް ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަމަށް އެ ކުންފުނިން ބުނެއެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމާލުމަށްފަހު، މިހާރު ކުރިއަށްދަނީ ދެވަނަ ސެގްމަންޓްގެ މަސައްކަތެވެ. މި ސެގްމަންޓުގައި ލޯކަލް މާރުކެޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރުގެ ޒޯން އޭގައި ޚިދުމަތް ދެމުންދާ އުޅަނދުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
އެމްޕީއެލްއިން ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދު ފަހަރުތައް 1 ނަމްބަރު ޖެޓީ ސަރަޙައްދަށް ބަދަލުކޮށް ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. ނަމަވެސް އެ ސަރަޙައްދަށް އުޅަނދުފަހަރު ވަދެ ކައިރިކޮށް އަދި އަޅާފައި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންނެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގެ ކީވޯލަށް އުޅަނދުތައް ކައިރިކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭގެ އެއްގަމު ތޮށީގެ ކިޔު ތަރުތީބުންކަމަށް އެމްޕީއެލްއިން ބުނެއެވެ. 1 ނަމްބަރު ޖެޓީގައި އުޅަނދު އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށެވެ. އަދި އަލުން ކީވޯލާއި ކައިރިކުރެވޭނީ އަލުން ކިޔުގައި ނޯޓުކޮށް ކިޔު ތަރުތީބުންކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ހުރިހައި އުޅަނދުފަހަރަކަށްވެސް އެއްހަމައަކުން އަދި އެއް އުސޫލަކުން ޚިދުމަތް ދިނުމަށްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމަންޓްގައި ހިމެނޭ ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.