ކުޅިވަރު
ރެއާލްގެ ފޯވާޑު ލޯނަކަށް ލިއޯންއަށް ބަދަލުވާން އެއްބަސްވެއްޖެ
ބްރެޒިލްގެ ޒުވާން ފޯވާޑް އެންރިޗް---
ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑު އެންރިޗް، ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ލިއޯންއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 19 އަހަރުގެ އެންރިޗް ރެއާލްއާ ގުޅުނީ މިދިޔަ އަހަރުގެ "ސަމާރ ޓްރާންސްފާރ ވިންޑޯ"ގައި ބްރެޒިލްގެ ޕަލްމެއިރާސްއިންނެވެ. އޭނާ ރެއާލްއަށް ބަދަލުވީ ޖެހިޖެހިގެން ދެ އަހަރު، އެ ކްލަބާއެކު ބްރެޒިލް ލީގު ކާމިޔާބުކުރުމަށްފަހުއެވެ.
ރެއާލްއަށް ބަދަލުވުމަށްފަހު ފުރަތަމަ ސީޒަންގައި ގިނަ މެޗުތަކެއްގައި އޭނާ ބޭނުންކޮށްފައިވެއެވެ. އެގޮތުން 37 މެޗެއްގައި ކުޅުފައި ވެއެވެ. ނަމަވެސް ޒަބީ އަލޮންސޯގެ ރޭވުންތައް ބަދަލުކޮށް، އެންރިޗްއަށް މި ސީޒަންގައި ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. އެގޮތުން މިހާތަނަށް އޭނާ ބޭނުންކޮށްފައި ވަނީ އެންމެ 3 ފަހަރެއްގެ މަތިންކަން ފާހަގަކޮށްލެވެއެވެ.
އެންރިޗް ވަނީ މިހާތަނަށް ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅުނު 14 މެޗުން 3 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެންމެ ފަހުން އޭނާއަށް ބްރެޒިލް ޓީމުން ފުރުސަތު ލިބިފައި ވަނީ މިދިޔަ މާޗު މަހު ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މެޗުން 4-1އިން ބަލިވި މެޗުގައެވެ.
އެހެންކަމުން ލިޔޯންއަށް ބަދަލުވުމަށްފަހު ކުޅުމަށް ގިނަ ވަގުތު ހޯދައި، ވޯލްޑް ކަޕަށް އެކުލަވާލާ ޤައުމީ ސްކޮޑުގައި ހިމެނުމަކީ އޭނާގެ އުއްމީދުކަމުގައި ވަނީ ހާމަކޮށްފައެވެ.