ޚަބަރު
"911 އަށް ދުވާލަކު އެވްރެޖްކޮށް 1500 ވަރަކަށް ފޯންކޯލް ލިބޭއިރު، ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު"
އަބްދުﷲ ރަޝީދު/ފޮޓޯ: ފުލުހުން
911 އަށް ދުވާލަކު އެވްރެޖްކޮށް 1500 ވަރަކަށް ފޯންކޯލް ލިބޭއިރު، ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު ކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
މާލެ، ވިލިމާލެ އަދި ތިލަފުއްޓަކީ ކުށްމަދު، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މާލެ ސިޓީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ހާމަކުރުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ޕެޓްރޯލް މަސައްކަތްތަކުގައި 18،827 ފުލުހުން ޑިސްޕެޗް ކުރެވިފައިވާއިރު، 280،142 ސަރަޙައްދު ބެލިފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮމިއުނިޓީ އެންގޭޖްމަންޓް 11،905 އަށް އަރާފައިވާއިރު، ރައްޔިތުންގެ ފަރާތުން އައި 1،357 ކަންބޮޑުވުމަކަށް ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގި 8 އޮޕަރޭޝަންގައި، ގާތްގަނޑަކަށް 7 މިލިއަންނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދިފައިވާ ކަމަށާއި، ވައްކަމާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅެނީ ސައިކަލާއި މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ފަދަ ތަކެތީގެ ވައްކަމުގެ މައްސަލަތައްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގާތްގަނޑަކަށް ހުރިހާ ވައްކަމެއް ވެސް ކުރަނީ ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުން ކަމަށާއި، މިހާރު 1000 ވަރަކަށް ރިޕީޓް އޮފެންޑަރުން ފާހަގަކުރެވިފައިވާ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވިދާޅުވިއެވެ. ހަމަ އެހެންމެ، މިފަދަ ފަރާތްތައް މުޖުތަމައާ އެކަހެރިކުރުމުން ވައްކަން މަދުވާތީ، މިފަދަ ފަރާތްތަކުގެ މައްސަލަތައް ޕްރޮސިކިއުޓަރ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން އަވަހަށް ޕްރޮސެކިއުޓްކޮށް ހުކުމްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި ފުލުހުންގެ އެހެނިހެން ބަހާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުލުހުންގެ މައިގަނޑު ތިން ފަންކްޝަން ކަމަށްވާ ރެސްޕޮންސް އެންޑް ޕެޓްރޯލިން، އިންވެސްޓިގޭޝަން، އަދި ނެއިބަރހުޑް ޕޮލިސިންގ ގުޅިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.