ދުނިޔެ

މަޝްހޫރު ނޫސްވެރިއަކާއި އެހެނިހެން ލިޔުންތެރިން އޭއައި ކުންފުނިތަކުގެ މައްޗަށް ދައުވާކޮށްފި

މަޝްހޫރު ނޫސްވެރިއަކާއި އެހެނިހެން ލިޔުންތެރިން އޭއައި ކުންފުނިތަކުގެ މައްޗަށް ދައުވާކޮށްފި

އޭއައި ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޑިސެމްބަރު 2025، 11:40

24 ޑިސެމްބަރު 2025، 11:40

ސިލިކަން ވެލީގެ ބްލަޑް-ޓެސްޓިން ސްޓާޓަޕް ތެރަނޯސްގެ މަކަރާއި ހީލަތްތައް ހާމަކުރުމުން މަޝްހޫރުކަން ހޯދާފައިވާ ތަހުގީގީ ނޫސްވެރިޔާ ޖޯން ކެރެއިރޫ އާއި ފަސް އެހެނިހެން ލިޔުންތެރިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޮޑެތި ބައެއް ކުންފުނިތަކާ ދެކޮޅަށް ދައުވާއެއް ހުށަހަޅައިފިއެވެ. މި ދައުވާގައި އެ ކުންފުނިތަކުން ހުއްދަ ނެތި ކޮޕީރައިޓް ލިބިގެންވާ ފޮތްތައް އެ ކުންފުނިތަކުގެ އޭއައި ސިސްޓަމްތައް ތަމްރީނުކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަރެއް އަދި "ބެޑް ބްލަޑް" ނަމަކަށް ކިޔާ ފޮތެއްގެ ލިޔުންތެރިޔާ ޖޯން ކެރެއިރޫ،ހޯމަ ދުވަހު ކެލިފޯނިއާގެ ފެޑެރަލް ކޯޓަކަށް މި ދައުވާ ހުށަހަޅާފައިވަނީ ފަސް އެހެން ލިޔުންތެރިންނާ އެކުގައެވެ. މި ދައުވާގައި ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެލޮން މަސްކްގެ އެކްސް އޭއައި، އެންތްރޮޕިކް، ގޫގުލް، އޯޕަންއޭއައި، މެޓާ ޕްލެޓްފޯމްސް އަދި ޕަރޕްލެކްސިޓީ ހިމެނެއެވެ. އޭއައި ސިސްޓަމްތައް ތަމްރީނުކުރުމާ ގުޅޭ ކޮޕީރައިޓްގެ މައްސަލައެއްގައި އެކްސްއޭއައި ގެ ނަން ހިމެނުނު ފުރަތަމަ ފަހަރަކީ މިއެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، މި ކުންފުނިތަކުން ވަނީ ކޮޕީރައިޓް ލިބިގެންވާ ފޮތްތައް ގަވާއިދާ ޚިލާފަށް ނަގައި، މަޝްހޫރު އޭއައި ޗެޓްބޮޓްތައް ހިންގާ ލާރޖް ލެންގުއޭޖް މޮޑެލްސް ތަކަށް އެ ފޮތްތައް ފީޑްކޮށްފައެވެ. މި ދައުވާއަކީ، އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ތަމްރީނުކުރުމަށް ރައްކާތެރިކުރެވިފައިވާ މަސައްކަތްތައް ބޭނުންކުރުމާ މެދު ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ލިޔުންތެރިންނާއި ކޮޕީރައިޓް ވެރިން ކުރަމުންދާ ގިނަ ދައުވާތަކުގެ ތެރެއިންއެއް ދައުވާއެވެ. ދައުވާކުރެވުނު ކުންފުނިތަކުގެ ތަރުޖަމާނުން މިކަމާ ގުޅޭގޮތުން  އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މިފަދަ އެހެން ދައުވާތަކާ ޚިލާފަށް، ދައުވާކުރި ފަރާތްތަކުން ވަނީ ކްލާސް-އެކްޝަން (ގިނަ ބަޔަކު އެކުވެގެން ކުރާ) ދައުވާއެއްގެ ގޮތުގައި ކުރިއަށް ނުގެންދާން ނިންމާފައެވެ. އެމީހުން ދަލީލުކުރި ގޮތުގައި، ކްލާސް-އެކްޝަން ދައުވާތަކުން ގިނަ ފަހަރަށް ފައިދާވަނީ ދައުވާކުރެވޭ ފަރާތްތަކަށެވެ. އެއީ އެއް ސެޓްލްމަންޓަކުން ގިނަ ދައުވާތައް ނިންމާލުމުގެ ފުރުސަތު ލިބޭތީއެވެ. ދައުވާގައި ބުނެފައިވަނީ، އޭއައި ކުންފުނިތަކަށް "ގިނަ އެތައްހާސް އަގުބޮޑު ދައުވާތައް ކުޑަ އަގެއްގައި ނައްތާލެވޭނެ" ފަދަ ގޮތަކަށް އޮވެގެން ނުވާނެ ކަމަށެވެ.

މި ދައުވާ ހުށަހަޅާފައިވަނީ އޭއައި ތަމްރީނުކުރުމުގެ އުސޫލުތަކާ މެދު ގާނޫނީ ގޮތުން ކުރަމުންދާ ތަހުގީގުތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އޮގަސްޓު މަހު އެންތްރޮޕިކްއިން ވަނީ އޭއައިއާ ގުޅޭ ކޮޕީރައިޓްގެ މައްސަލައެއްގައި ފުރަތަމަ ބޮޑު ސެޓްލްމަންޓެއް ހަދާފައެވެ. އެއީ އެ ކުންފުނިން އެތައް މިލިއަން ފޮތެއް ހުއްދަ ނެތި ކޮޕީކޮށްފައިވާ ކަމަށް ބުނެ ދައުވާކުރި ލިޔުންތެރިންގެ ކްލާހަކަށް 1.5 ބިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް، އަލަށް ހުށަހެޅި ދައުވާގައި އެ ސެޓްލްމަންޓަށް ފާޑުކިޔައި، ބައިވެރިވި ލިޔުންތެރިންނަށް ކޮޕީރައިޓް އެކްޓުގެ ދަށުން ކޮންމެ މަސައްކަތަކަށް ލިބެންޖެހޭ  150,000 ޑޮލަރުގެ ތެރެއިން 2 އިންސައްތަ ލިބޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ދައުވާ ހުށަހަޅާފައިވަނީ ފްރީޑްމަން ނޯމަންޑް ފްރައިޑްލޭންޑް ލޯ ފާމްގެ ވަކީލުންނެވެ. އެމީހުންގެ ތެރޭގައި ކައިލް ރޯޗް ހިމެނެއެވެ. ރޯޗްގެ މައްޗަށް ކެރެއިރޫ ވަނީ 2023 ވަނަ އަހަރު ނިއު ޔޯކް ޓައިމްސްގެ ލިޔުމެއްގައި މައުލޫމާތު ހާމަކޮށްފައެވެ. އެންތްރޮޕިކްގެ ކްލާސް-އެކްޝަން މައްސަލައިގެ ނޮވެމްބަރު މަހުގެ ކޯޓު އަޑުއެހުމެއްގައި، ޔޫ.އެސް. ޑިސްޓްރިކްޓް ޖަޖް ވިލިއަމް އަލްސަޕް ވަނީ ރޯޗްއާ އެކު އޭނާ ބައިވެރިވެގެން އުފެއްދި ވަކި ލޯ ފާމެއް އެ ސެޓްލްމަންޓުން ނުނިކުމެ، އެއަށްވުރެ ރަނގަޅު މާލީ ބަދަލެއް ހޯދުމަށް ލިޔުންތެރިންނަށް ހިތްވަރުދިން ކަމަށް ބުނެ ފާޑުކިޔާފައެވެ. ރޯޗް މިކަމާ ގުޅޭގޮތުން ހޯމަ ދުވަހު އެއްވެސް އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައިވެއެވެ.

ފަހުން ބޭއްވުނު އަޑުއެހުމެއްގައި ކެރެއިރޫ ކޯޓުގައި ބުނީ، އެންތްރޮޕިކްއިން އޭއައި ތަރައްގީކުރުމަށް ފޮތްތައް ވަގަށް ނެގިކަމުގެ ތުހުމަތަކީ އެ ކުންފުނީގެ "އަސްލު ކުށް" ކަމަށާއި، އެ ސެޓްލްމަންޓުން ލިޔުންތެރިންނަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ގޮތަކަށް ބަދަލު ނުލިބޭ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450