ޚަބަރު
ޤަވާއިދާ ޚިލާފަށް ހިންގި 47 ވިޔަފާރިއެއް ބަންދު، ނަމަވެސް ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާ މެދުވެރިކޮށް ވިޔަފާރިތައް ހިންގާ ގޮތް ބަލާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
ދުވެލި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި ވިޔަފާރިތަކުގައި މިގޮތަށް ފާހަގަވާ ތަންތަނުގައި ފުލުހުންގެ ތަހުޤީގެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، މަނީ ލޯންޑަރިންއަށް ޝައްކުވާ ތަންތަންވެސް މި އޮޕަރޭޝަންގެ ތެރޭގައި ބަލާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެފަދަ ތަންތަނުން ލާރި ހޯދާ ގޮތްތަކާއި ލާރި ދައުރުކުރާ ގޮތްތަކާއި ބަލާފައި ޖިނާޢީ މިންގަނޑުން ދައުވާ ކުރަން ޖެހިއްޖެނަމަ ދިވެހި ވިޔަފާރި ރަޖިސްޓަރ ކޮށްފައިވާ ފަރާތައް ދައުވާވެސް ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރަށް ބިދޭސީން ޤަވާއިދާ ޚިލާފަށް ގެންގުޅުން މިހާރު 50،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެ. އެ ޖޫރިމަނާވެސް އަޅުގަނޑުމެން ކުރާނަން. މިފަދަ ވިޔަފާރިތައްކޮށް ރާއްޖެއިން ބޭރަށް ޑޮލަރު ބޭރުވަމުންދާއިރު، މިކަން މިގޮތަށް މެދުވެރިވަނީ ދިވެހިން އެކަމަށް ފުރުސަތުދޭތީ.
ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކަންކަން ހުއްޓާލައި ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް އިލްތިމާސްކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.