ދުނިޔެ / ޚަބަރު
މަސްޖިދުއް ނަބަވީގެ މަޝްހޫރު މުއައްޒިން ޝައިޚް ފައިސަލް ނައުމާން އަވަހާރަވެއްޖެ
އިސްލާމީ ދުނިޔޭގައި މަޝްހޫރު ދީނީ ޝަޚްސިއްޔަތެއް ކަމަށްވާ ޝައިޚް ފައިސަލް ނައުމާން ފޮޓޯ: އިންޓަނެޓް
މަސްޖިދުއް ނަބަވީގެ އިސް މުއައްޒިނެއްގެ ގޮތުގައި ހުންނެވި، އިސްލާމީ ދުނިޔޭގައި މަޝްހޫރު ދީނީ ޝަޚްސިއްޔަތެއް ކަމަށްވާ ޝައިޚް ފައިސަލް ނައުމާން، މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ދެހަރަމްގެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ. އެބޭފުޅާ ފަސްދާނުލާފައިވަނީ އަންގާރަ ދުވަހު ފަތިސް ނަމާދަށްފަހު މަސްޖިދުއް ނަބަވީގައި ކަށުނަމާދު ކުރުމަށްފަހުއެވެ.
ދެހަރަމްގެ ކަންކަން ބަލަހައްޓާ ޢާންމު ރިޔާސަތުން އެކްސް ގައި ކުރި ޕޯސްޓެއްގައި، ޝައިޚް ފައިސަލް ނައުމާން އަވަހާރަވިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ކަށުނަމާދުގެ ރަސްމިއްޔާތު މަސްޖިދުއް ނަބަވީގައި ބޭއްވުމަށްފަހު، ފަސްދާނުލާފައިވަނީ މަދީނާގެ ތާރީޚީ ޖަންނަތުލް ބަޤީ ގަބުރުސްތާނުގައި ކަމަށްވެސް އެބަޔާނުގައިވެއެވެ. މިޚަބަރު ފެތުރުމާއެކު މުސްލިމް އުންމަތުން ވަނީ އެކަމަށް ތައުޒިޔާ ފޮނުވާފައެވެ.
އެބަޔާނުގައި ބުނެފައިވަނީ "ޝައިޚް ފައިސަލް ނައުމާން އެމަނިކުފާނުގެ މުޅި އުމުރުފުޅު ހޭދަކުރައްވާފައިވަނީ ރަސޫލާގެ މިސްކިތަށް ޚިދުމަތް ކުރެއްވުމުގައެވެ. އަދި އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ހިތްގައިމުކަމާއެކު ދެއްވާ ބަންގީގެ އަޑު އަބަދުވެސް ހަނދާނުގައި ހުންނާނެއެވެ."
ޝައިޚް ފައިސަލް މަސްޖިދުއް ނަބަވީގެ މުއައްޒިނެއްގެ މަޤާމަށް އައްޔަން ކުރެވިފައިވަނީ 2001 ވަނަ އަހަރުގައެވެ. އެމަނިކުފާނު މިމަސައްކަތުގައި ގާތްގަނޑަކަށް 25 އަހަރު ހިދުމަތް ކުރައްވާފައިވެއެވެ. މިމިސްކިތުގެ އިދާރާއިން ބުނި ގޮތުގައި، ބަންގި ދިނުމަކީ ޝައިޚް ފައިސަލްގެ އާއިލީ ތަރިކައެކެވެ. އެމަނިކުފާނުގެ ބައްޕާފުޅާއި ކާބަފައިންވެސް މިމިސްކިތުގެ މުއައްޒިނުންގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާކަމީ، އެމަނިކުފާނުގެ އާއިލީ ތަރިކައަށް ލިބުނު ޝަރަފެކެވެ.
އިދާރީ ފަރާތްތަކުން ފާހަގަކުރިގޮތުގައި ޝައިޚް ފައިސަލްގެ ބައްޕާފުޅު ވަރަށް ޅަފުރާގައި، އެގޮތުން 14 އަހަރުގައި މުއައްޒިނެއްގެ ގޮތުގައި ހޮވުނެވެ. އަދި އެމަނިކުފާނު 90 އަހަރުވެފައިވަނިކޮށް އަވަހާރަވަންދެން މިމަސައްކަތުގައި ދެމިހުންނެވިއެވެ. ބައްޕާފުޅު އަވަހާރަވުމުން، ޝައިޚް ފައިސަލް އެޒިންމާ ނަންގަވައި އެކަމުގައި ފުރިހަމައަށް ހިދުމަތް ކުރެއްވިއެވެ.
ދެހަރަމްގެ ޚަބަރުތައް ހިއްސާކުރާ ސޯޝަލް މީޑިއާ ޕޭޖެއް ކަމަށްވާ 'އިންސައިޑް ދަ ހަރަމައިން' އިން ޝައިޚް ފައިސަލްގެ އެންމެ ފަހުގެ ބަންގީގެ ވީޑިއޯއެއްވެސް ނޮވެމްބަރު 2 ވަނަ ދުވަހު އާއްމުކޮށްފައިވެއެވެ. މިވީޑިއޯ ފުޅާ ދާއިރާއެއްގައި ހިއްސާކުރެވިފައިވާއިރު، އެއީ ޝައިޚް ފައިސަލް އެމަނިކުފާނުގެ ހަޔާތުގެ ބޮޑުބައި ޚިދުމަތަށް ހުށަހެޅުއްވިކަމުގެ ހަނދާންކޮށްދޭ ހެއްކެކެވެ.
Last Adhan raised by Sheikh Faisal Nouman رحمه الله in Masjid An Nabawi on 11 Jumada Al Awwal 1447 | 2nd November 2025 pic.twitter.com/WzM5MwRh21
— Inside the Haramain (@insharifain) December 22, 2025