ޚަބަރު
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕް ދޫނިދޫގައި ނައްތާލައިފި
ވޭޕް ނައްތާލަނީ/ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕް ދޫނިދޫގައި ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލާފައިވާ ކަމަށެވެ. އެގޮތުން، ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރޭޓު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އަދި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނެސް، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު، މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ހަމަ އެހެންމެ، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.