ދުނިޔެ

މަތިންދާބޯޓެއް ވެއްޓި، ލީބިޔާގެ ޗީފް އޮފް ސްޓާފް އަވަހާރަވެއްޖެ

މަތިންދާބޯޓެއް ވެއްޓި، ލީބިޔާގެ ޗީފް އޮފް ސްޓާފް އަވަހާރަވެއްޖެ

ލީބިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް މުހައްމަދު އަލީ އަހުމަދު އަލް-ހައްދާދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޑިސެމްބަރު 2025، 01:59

24 ޑިސެމްބަރު 2025، 01:59

ހުލާސާ


ތުރުކީގެ ވެރިރަށް އަންކާރާ ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ރޭ މަތިންދާބޯޓެއް ވެއްޓި، ލީބިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް މުހައްމަދު އަލީ އަހުމަދު އަލް-ހައްދާދު އަވަހާރަވެއްޖެއެވެ. މި ހާދިސާގައި ބޯޓުގައި ތިބި ހުރިހާ ދަތުރުވެރިންނާއި ފަޅުވެރިންވެސް ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ލީބިޔާ ސަރުކާރުން ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފައެވެ. ލީބިޔާގެ އަސްކަރިއްޔާގެ އިސްވެރިކަމަށް މިއީ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ތުރުކީގެ އޮފިޝަލުން ބުނި ގޮތުގައި، ޑަސޯލްޓް ފަލްކަން 50 ކަސްޓަމް ޖެޓު، އަންކާރާގެ އެސެންބޯގާ އެއާޕޯޓުން ޓްރިޕޮލީއަށް ދިޔުމަށްޓަކައި އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރު ވަނީ ފުރާފައެވެ. ދަތުރު ފެށިތާ ގާތްގަނޑަކަށް 40 މިނެޓު ފަހުން، ވައިގެ ދަތުރުފަތުރު ކޮންޓްރޯލް ކުރާ ފަރާތްތަކަށް ބޯޓާ މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ. ބޯޓުގެ ބައިތައް ފަހުން ފެނިފައި ވަނީ އަންކާރާގެ ހައިމާނާ ޑިސްޓްރިކްޓްގެ ކެސިކްކަވަކް ކައިރިންނެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ބޯޓުން ވަނީ އިލެކްޓްރިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ރިޕޯޓުކޮށް، ކުއްލި ހާލަތުގައި ޖައްސަން އެދިފައެވެ. ބޯޓު އަނބުރާ އެއާޕޯޓަށް ގެނައުމުގެ ތައްޔާރީތައް ކުރަމުންދަނިކޮށް، ބޯޓު ވަނީ ރާޑަރއިން ގެއްލިފައެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި، ހާދިސާ ހިނގާފައި ވަނީ ޓެކްނިކަލް މައްސަލައަކާ ހެދިއެވެ. ހާދިސާގެ ފަހަތުގައި ސަބޮޓާޖްގެ އަމަލެއް ނެތް ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ބުނެފައެވެ.


މި ހާދިސާގައި އަވަހާރަވި މީހުންގެ ތެރޭގައި ޗީފް އޮފް ސްޓާފް އަލް-ހައްދާދުގެ އިތުރުން ލީބިޔާގެ އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު އޮފިޝަލުންނާއި، ބޯޓުގެ ތިން ފަޅުވެރިން ހިމެނެއެވެ. އަވަހާރަވި އޮފިޝަލުންގެ ތެރޭގައި ލީބިޔާގެ ގްރައުންޑް ފޯސްގެ އިސްވެރިޔާ ޖެނެރަލް އަލް-ފިތޫރީ ޣަރީބިލް، އަސްކަރީ ސިނާއަތް އުފެއްދުމާ ބެހޭ އޮތޯރިޓީގެ ޗީފް ބްރިގޭޑިއަރ ޖެނެރަލް މަހްމޫދު އަލް-ގަތާވީ، އަދި އެޑްވައިޒަރު މުހައްމަދު އަލް-އަސާވީ ދިޔާބްއާއި، އަސްކަރީ ފޮޓޯގްރާފަރު މުހައްމަދު އުމަރު އަހުމަދު މަހްޖޫބު ހިމެނެއެވެ.

ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބާ ވަނީ އަލް-ހައްދާދުގެ އަވަހާރަވިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މިއީ ލީބިޔާއާއި އެގައުމުގެ ހަތިޔާރުއެޅި ފައުޖުތަކަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެ، އަވަހާރަވި އޮފިޝަލުންނަކީ ގައުމަށް ވަރަށް ބޮޑު ހިދުމަތެއް ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.

އަވަހާރަވި ވަފުދުން ތުރުކީއަށް ކުރި ދަތުރުގެ މަގްސަދަކީ ދެ ގައުމުގެ ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ. މި ދަތުރު ކުރެވުނީ ތުރުކީން ލީބިޔާގައި ގާއިމުކޮށްފައިވާ އަސްކަރީ ބާރުތަކުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރުމަށް ފަހުގައެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާއާ ގުޅިގެން ރަސްމީ ތަހުގީގެއް ފަށާފައެވެ. އަދި ލީބިޔާއިންވެސް ވަނީ ތުރުކީގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމަށް ޓެކްނިކަލް ޓީމެއް ފޮނުވާފައެވެ. ބޯޓަކީ ކުއްޔަށް ނަގާފައިވާ ބޯޓަކަށް ވެފައި، އޭގެ ޓެކްނިކަލް ތާރީހު ބަލައި ފުރިހަމަ ރިޕޯޓެއް ނެރުމަށް ވަގުތު ނަގާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

2020 ވަނަ އަހަރުން ފެށިގެން ލީބިޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލް-ހައްދާދަކީ އެގައުމުގެ ބައިބައިވެފައިވާ އަސްކަރިއްޔާގެ އެކުވެރިކަން ދެމެހެއްޓުމަށް ގަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. އެމަނިކްފާނު އަވަހާރަވުމާ ގުޅިގެން ލީބިޔާގެ އެކި ކަންކޮޅުތަކުން، ހާއްސަކޮށް އިރުމަތީގައި ހަރަކާތްތެރިވާ ސިޔާސީ އަދި އަސްކަރީ ފަރާތްތަކުންވެސް ވަނީ ތައުޒިޔާ  ރައްދުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450