ދުނިޔެ

ފަލަސްތީނަށް ތާއީދުކޮށް ބޯޑެއް ހިފައިގެން ހުއްޓާ ގްރެޓާ ތުންބާގް ހައްޔަރުކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ބޯޑެއް ހިފައިގެން ހުއްޓާ ގްރެޓާ ތުންބާގް ހައްޔަރުކޮށްފި

ގްރެޓާ ތުންބާގް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 04:24

24 ޑިސެމްބަރު 2025، 04:24

ހުލާސާ


ސްވިޑަންގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތުންބާގް، ލަންޑަނުގައި ކުރިއަށްދިޔަ ފަލަސްތީނުގެ ހައްގުގައު ވަކާލާތުކުރާ އިހުތިޖާޖެއްގެ ތެރެއިން ހައްޔަރުކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ތުންބާގް ހައްޔަރުކުރީ "އަހަރެން މިހުރީ ފަލަސްޠީނުގެ ގައިދީންނާއެކު، އަހަރެން ނަސްލު ނައްތާލުމާ ދެކޮޅު" މިހެން ލިޔެފައިވާ ބޯޑެއް ހިފައިގެން ހުއްޓައެވެ.

ޔޫކޭގެ ކެމްޕޭން ގްރޫޕެއް ކަމަށްވާ 'ޕްރިޒަނާސް ފޯ ފަލަސްތީން' އިން ބުނި ގޮތުގައި، ތުންބާގް ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނެވެ. ސިޓީ އޮފް ލަންޑަން ފުލުހުން ބުނީ އޭނާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށާއި، އަންނަ މާރިޗު މަހު ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އޭނާ ހައްޔަރުކުރީ މަނާކޮށްފައިވާ ޖަމާއަތަކަށް ތާއީދުކުރާކަން ހާމަވާ ފަދަ ބޯޑެއް ދެއްކުމުގެ ތުހުމަތުގައެވެ.

މި އިހުތިޖާޖު ބާއްވާފައިވަނީ އިޒްރާއީލުގެ އަސްކަރީ ކުންފުނި 'އެލްބިޓް ސިސްޓަމްސް' އަށް އިންޝުއަރެންސްގެ ހިދުމަތްދޭ 'އެސްޕަން އިންޝުއަރެންސް' ބޭނުންކުރާ އިމާރާތެއްގެ ކުރިމަތީގައެވެ. މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ފެކްޓްރީތައް އިނގިރޭސިވިލާތުގައި ހިންގުން ހުއްޓާލުމަށާއި، 'ޕަލަސްތައިން އެކްޝަން' އަކީ މަނާ ޖަމާއަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.

މިހާރު ޖަލުގައި ތިބި ފަލަސްތީނު އެކްޝަންގެ ބައެއް އެކްޓިވިސްޓުން ދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. މީގެ ތެރެއިން ބައެއް މީހުންގެ ޞިއްޙީ ޙާލަތު ގޯސްވުމުގެ ސަބަބުން ހަޅުތާލު ހުއްޓާލާފައިވާއިރު، އަނެއް ބަޔަކު އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ސިޔާސީ ބައެއް ބޭފުޅުން ވަނީ މި ކައިދީން ކުރިއަށް އޮތް ދުވަސްތަކުގައި މަރުވެދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފައެވެ.

ތުންބާގް ހައްޔަރުކުރުމުގެ ކުރިން އިންސްޓަގްރާމްގައި ބުނެފައިވަނީ، "ނަސްލު ނައްތާލުމެއް ހުއްޓުވުމަށް މަސައްކަތްކުރާ މީހުންގެ މި އެދުންތަކަށް އިޖާބަދީ، އެމީހުން މިނިވަންކުރުމަކީ ދައުލަތުގެ ޒިންމާއެއް" ކަމަށެވެ. މީގެ ކުރިންވެސް ތުންބާގް ވަނީ ޣައްޒާގެ ބަންދު އުވާލުމަށް ގޮވާލާ ފްލޮޓިލާ ކެމްޕޭންތަކުގައި ބައިވެރިވެފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އެހީގެ ސާމާނާއެކު ޣައްޒާއަށް ދާން އުޅުނު އުޅަނދެއްގައި ހުއްޓާ އިޒްރާއީލު ސިފައިން އޭނާ ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450