Ads by Stelco

ޚަބަރު

މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް ލާއިންސާނީ އަނިޔާތަކެއް ދިނުމަށްފަހު މޫދަށް އެއްލާލުން އެޗްއާރްސީއެމް އިން ކުށްވެރިކޮށްފި

މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް ލާއިންސާނީ އަނިޔާތަކެއް ދިނުމަށްފަހު މޫދަށް އެއްލާލުން އެޗްއާރްސީއެމް އިން ކުށްވެރިކޮށްފި

ހިޔުމަން ރައިޓްސް ކޮމިޝަންގެ އޮފީސް. ފޮޓޯ: އެޓޯލްސް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 05:43

24 ޑިސެމްބަރު 2025، 05:43

މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް ލާއިންސާނީ އަނިޔާތަކެއް ދިނުމަށްފަހު މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ޢަމަލުތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

 އެ ކޮމިޝަނުން ވަނީ މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގުމާއި، އެފަދަ މަންޒަރުތައް ވީޑިއޯކޮށް ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ގިނަ ބައެއްގެ އަތްދަށުވެ އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެ މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަނިޔާކުރެއެވެ. އަދި އެއަށްފަހު އެ މީހާ ވަނީ މޫދަށް އެއްލާލާފައެވެ. މިއީ މިފަހަކަށް އައިސް މިފަދަ ހާދިސާއެއް ހިނގައި ވީޑިއޯ އާންމުވި ދެވަނަ ފަހަރެވެ. މީގެކުރިން ވެސް ވައްކަން ކުރި ކަމަށް ބުނާ މީހެއްގެ ބޮލަށް ކުލަ އަޅައި އަނިޔާކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. "އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެއެވެ.

އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި، ޝަރުޢީ ހަމަތަކުގެ މަތިން ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. އަމިއްލައަށް އިންސާފު ގާއިމް ކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދި، ގާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން އިންޒާރު ދީފައިވެއެވެ.

މީގެއިތުރުން، މިފަދަ އަނިޔާވެރި މަންޒަރުތައް ފަތުރައި އިޝްތިހާރު ކުރުމަކީ އިންސާނީ ހަމްދަރުދީ ކެނޑި، މުޖުތަމައު އެފަދަ ޢަމަލުތަކަށް ހޭނިގެންދާނެ ކަމެއް ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އެހެންކަމުން، ކުށުގެ ތުހުމަތެއް ކުރެވޭ ހާލަތްތަކުގައި ވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށާއި، ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި މައްސަލަ ރަސްމީކޮށް އެ އިދާރާއަށް ހުށަހަޅާފައި ނުވިޔަސް، އާންމުވެފައިވާ ވީޑިއޯއިން ފެންނަ މަންޒަރުތަކާ ގުޅިގެން ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ މައްސަލަ ބަލަމުންދާ ކަމަށެވެ. އެޗްއާރުސީއެމުން ވެސް ވަނީ މި މައްސަލަ އަވަހަށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450