ސައިންސް
ވައި ތަޣައްޔަރުވުމަކީ ހަމައެކަނި ފެންނަ ނުރައްކަލެއް ނޫން، އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރު ކޮށް ބޮޑެތި ބަލިތަކަށް މަގުފަހިކުރާ ކަމެއް
ވައި ނުސާފު ތަނެއް
ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ވައި ތަޣައްޔަރުވުން އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން ސިއްހީ ނުރައްކާތައް ދަނީ ބޮޑުވަމުންނެވެ. މިފަދަ ނުރައްކާތަކުގެ ތެރެއިން އައު ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ވައި ތަޣައްޔަރުވުމުގެ ސަބަބުން ލޫޕަސް އަދި ރޫމެޓޮއިޑް އާތުރައިޓިސް ފަދަ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބަލިތައް (އޮޓޯއިމިއުން ބަލިތައް) ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
މެޑިކަލް ޖާނަލް "ރޫމެޓޮލޮޖީ" ގައި ޝާއިޢުކުރެވިފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ވައި ތަޣައްޔަރު ތަންތަނުގައި ދިރިއުޅޭ މީހުންގެ ހަށިގަނޑުގައި އެންޓިނިއުކްލިއަރ އެންޓިބޮޑީސް އިތުރުވެއެވެ. މި އެންޓިބޮޑީސް އުފެދެނީ، ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލަ ސެލްތަކަށް ހަމަލާދޭން ފެށުމުންނެވެ. މިއީ އޮޓޯއިމިއުން ބަލިތަކުގެ އެއް ޢަލާމާތެވެ. މި ދިރާސާއަށްޓަކައި، ކެނެޑާގެ އޮންޓާރިއޯގައި ދިރިއުޅޭ 3500 އަށް ވުރެ ގިނަ މީހުންގެ ލޭގެ ސާމްޕަލްތައް ބަލާފައިވެއެވެ. މި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ވައިގެ ސާފުތާހިރުކަމުގެ މައުލޫމާތާއި، އެމީހުންގެ ހަށިގަނޑުގައި ހުރި އެންޓިނިއުކްލިއަރ އެންޓިބޮޑީސްގެ މިންވަރު އަޅައިކިޔާފައިވެއެވެ.
ދިރާސާއިން އެނގުނު ގޮތުގައި، ވައި ތަޣައްޔަރުވުން ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ހަށިގަނޑުގައި މި އެންޓިބޮޑީސްތައް އިތުރުވެފައި ހުރުމުގެ ފުރުސަތު 46 އިންސައްތައިން 54 އިންސައްތައަށް އިތުރެވެ. ވައި ތަޣައްޔަރުވުމަށް މައިގަނޑު ގޮތެއްގައި މެދުވެރިވާ އެއް ކަމަކީ PM2.5 ގެ ގޮތުގައި މަޝްހޫރުވެފައިވާ ކުދިކުދި ޒައްރާތަކެކެވެ. މިގޮތުން 2.5 މައިކްރޯނަށްވުރެ ކުދި މި ޒައްރާތައް ލޭގެ ތެރެއަށް ވަދެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް އަސަރުކުރުވައެވެ،
މި ދިރާސާގެ ވެރިޔާ، މެކްގިލް ޔުނިވަރސިޓީގެ ޑރ. ސާޝާ ބަރނެޓްސްކީ ވިދާޅުވީ، މި ހޯދުންތަކުން ދައްކަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބަދަލުތަކެއް އައިސް، އޮޓޯއިމިއުން ބަލިތަކަށް މަގުފަހިވެދާނެ ކަމަށެވެ. ޑރ. ބަރނެޓްސްކީ އިތުރަށް ވިދާޅުވީ، ވައި ތަޣައްޔަރުވުމަކީ އާންމުކޮށް ރަށްފުށުގެ ސަރަހައްދުތަކާއި ދަތުރުފަތުރު ގިނަ ސަރަހައްދުތަކާ ގުޅުވައިގެން ވާހަކަ ދެކެވޭ ކަމެއް ނަމަވެސް، ރަށްފުށާއި އާބާދީ ކުޑަ ސަރަހައްދުތަކުގައި ވެސް ވައިގެ ނުސާފުކަމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ޖަންގަލީގައި ރޯވާ އަލިފާނުގެ ދުމަކީ ވައި ތަޣައްޔަރުވުމަށް ބޮޑު އަސަރެއް ފޯރުކޮވާ ކަމެއް ކަމަށާއި، މިކަމުގެ އަސަރު މަދު ވަސީލަތްތައް ހުރި ސަރަހައްދުތަކަށް ވެސް ފޯރައެވެ.
ވައި ތަޣައްޔަރުވުމަކީ ހަމައެކަނި ފެންނަ ނުރައްކަލެއް ނޫނެވެ. އެއީ ހަށިގަނޑުގެ އެތެރޭގައި ހިނގާ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ބޮޑެތި ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ. މިފަދަ ދިރާސާތަކުން ލިބޭ މައުލޫމާތުތަކަށް ބަލައި، ވައި ސާފުތާހިރުކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ވައިނުސާފުވެއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.