ޚަބަރު
ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް އެމްއެންޔޫ އާއި ޑްރިފްޓްވުޑް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް އެމްއެންޔޫ އާއި ޑްރިފްޓްވުޑް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން
ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޔޫގެ އޮޑިޓޯރިއަމްގައެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަސަދު އަލީއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން އެމްއެންޔޫގެ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންނަށް ރިސޯޓްތަކުގައި ގާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒުތަކާއި، ސައިންޓިފިކް އާލާތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޚާއްސަކޮށް ހަޔަޓް ބްރޭންޑްގެ ދަށުން ހިންގާ ރިސޯޓްތަކުގައި ހުންނަ ޕްރޮފެޝަނަލް ލެބޯޓްރީތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ.
އެމްއެންޔޫއިން ވިދާޅުވީ، މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާއަތާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ސައިންޓިފިކް ދިރާސާތަކަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ރާއްޖެ ފަދަ ގައުމެއްގައި، މި އެއްބަސްވުމުގެ ދަށުން އެއްކުރެވޭ ސައިންޓިފިކް މަޢުލޫމާތުތަކަކީ ވިލުންތެރި ޤައުމެއް ބިނާކުރުމަށް އެހީތެރިވެދޭނެ މުހިންމު ތަފާސްހިސާބުތަކަކަށް ވާނެއެވެ.
ދަރިވަރުންގެ ދިރާސާކުރުމުގެ ހުނަރު ތަރައްގީކުރުމަށް އެމްއެންޔޫއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މޯލްޑިވްސް ރެސިލިއަންޓް ރީފްސް، ރީފް ސްކޭޕާސް އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ފަދަ ޖަމިއްޔާތަކާއެކުވެސް އެ ޔުނިވަރސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ފަރުތަކުގެ ނިޒާމާ ގުޅޭ ފުން ދިރާސާތަކުގައި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.