ޚަބަރު
ފުލުހުންގެ "ރިވެލި" އޮޕަރޭޝަން ބުދަ ދުވަހު ފަށައިފި
ފުލުހުންގެ ދެ އޮފިސަރަކު މާލޭގެ މަސްމާރުކޭޓު ސަރަޙައްދުގައި / ފޮޓޯ: ޕޮލިސް
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިޔަށްގެންދާ "ރިވެލި" އޮޕަރޭޝަން ބުދަ ދުވަހުގެ މެންދުރުފަހު 15:00ގައި ފަށައިފިއެވެ.
މި އޮޕަރޭޝަން ފެށުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭނުގައި މީހުންނާ ސުވާލުކޮށް ވެހިކަލްތައް ޗެކްކުރުން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެންމެ އިސްކަމެއް ދޭނީ ވައްކަމާއި ފޭރުން ހުއްޓުވުމަށާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށާއި އަދި ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށްކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ އެންމެހާ ފަރާތްތައް ހުއްޓުވައި ފިޔަވޅު އަޅާނެކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ''ރިވެލި'' ފެށުމާ ގުޅޭ pic.twitter.com/pupcUxCDKn
— Maldives Police (@PoliceMv) December 24, 2025
މިދިޔަ އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި އޮޕަރޭޝަނާ ގުޅިގެން ވާހަކަފުޅު ދައްކަމުން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އަހަރީ ޗުއްޓީއާ ދިމާކޮށް ކުށްވެރިންގެ އަދަދާއި ކުށްތައް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ފުލުހުން ވަނީ ޗުއްޓީއަށް އެހެން ތަންތަނަށް ފުރައިގެންދާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ފުރައިގެންދާއިރު އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށާއި، ގޯތި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ. އަދި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އަމިއްލަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަ ސަރަހައްދުތަކުގައި ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ތަންތަނުގައި ޕާކުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.