ޚަބަރު
ރ. ފައިނުގައި 250 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ
މަސައްކަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ރ. ފައިނުގައި 250 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް، އަދި 412 ކިލޯވޮޓް ގަޑީގެ (kWh) ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ނިޒާމު ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓަށް ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މި ނިޒާމުގެ ސަބަބުން އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެ ކަމަށާއި، ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) އެމިޝަން ކުޑަވާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ އަންދާޒާކުރައްވާފަ އެވެ.
2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަރަންޓު އުފައްދާ މިންވަރުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ވިޝަން ޙާސިލްކުރުމަށް މި މަޝްރޫޢަކީ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިމި، ފައިނު ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެ ދުވަހަކަށް ގިނަ ބަޔަކު އުންމީދުކުރާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި ހިންގަވާ ވަރަށް މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ.