ދުނިޔެ
ކުވައިތުގައި 18 އަހަރުން ދަށުގެ ކުދިންނަށް އެނަރޖީ ޑްރިންކް ވިއްކުން މަނާކޮށްފި
މޮންސްޓަރ އެނާރޖީ ޑްރިންކް ދަޅެއް ފޮޓޯ: އިންޓަނެޓް
އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށް، ކުވައިތުން އެނަރޖީ ޑްރިންކް ވިއްކުމާއި ބޭނުންކުރުމާ ބެހޭ ގޮތުން ހަރުކަށި ގަވާއިދުތަކެއް ތަޢާރަފުކޮށްފިއެވެ. މިގަވާއިދުތަކުގެ ދަށުން، އެނަރޖީ ޑްރިންކް ގަނެވޭ އެންމެ ކުޑަ އުމުރަކީ 18 އަހަރެވެ.
އަރަބި މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކުވައިތުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެޤައުމުގައި އެނަރޖީ ޑްރިންކް ވިޔަފާރިކުރުމާއި، ވިއްކުމާއި، ބެހުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ނިންމުމެއް ފާސްކޮށްފައެވެ. މިގޮތަށް ގެނައި ބަދަލުތަކަކީ ކެފެއިން މާގިނައިން ބޭނުންކުރުމުގެ ސަބަބުން ދިމާވާ ސިއްހީ ނުރައްކާތަކާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އަދި އެނަރޖީ ޑްރިންކް ބޭނުންކުރާ މީހުންގެ ޢަދަދު މަދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާ ދަނޑިވަޅެއްގައެވެ.
އައު ގަވާއިދުތަކުގެ ދަށުން، އެނަރޖީ ޑްރިންކް ވިއްކޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ދުވާލަކު އެކަކަށް ބޭނުންކުރެވޭނެ އެންމެ ގިނަ ޢަދަދަކީ ދެ ދަޅެވެ. ކޮންމެ 250 މިލިލީޓަރުގެ ދަޅެއްގައި ހުންނަ ކެފެއިންގެ މިންވަރު 80 މިލިގްރާމަށް ވުރެ އިތުރުވެގެން ނުވާނެއެވެ. މި ހައްދުތަކުގެ ސަބަބުން އެނަރޖީ ޑްރިންކް މާގިނައިން ބޭނުންކުރުން ހުއްޓުވައި، ސިއްހީ މައްސަލަތައް މަދުކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ޤަބޫލުކުރެއެވެ.
މީގެ އިތުރުން، އެނަރޖީ ޑްރިންކް އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތަކުން، އުފެއްދުމުގެ ބަންދުކުރެވިފައިވާ ކޮންމެ އެއްޗެއްގައިވެސް ސިއްހީ ނުރައްކަލާ ބެހޭގޮތުން ސާފު އަދި ފާޅުކަން ބޮޑު އިންޒާރުތައް ޖަހަންޖެހެއެވެ. މިއިންޒާރުތަކުން އެނަރޖީ ޑްރިންކް މާގިނައިން ބޭނުންކުރުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ކޮންމެހެންވެސް މައުލޫމާތު ދޭންޖެހެއެވެ. ހަމައެހެންމެ، އެނަރޖީ ޑްރިންކާ ގުޅޭ ހުރިހާ ބާވަތެއްގެ އިޢުލާނާއި، ޕްރޮމޯޝަން ކެމްޕޭނުތަކާއި، ސްޕޮންސަރޝިޕްތައް ވަނީ މަނާކޮށްފައެވެ.
އެނަރޖީ ޑްރިންކް ވިއްކުން ވަނީ ސަރުކާރުގެ އަދި އަމިއްލަ ތަޢުލީމީ މުއައްސަސާތަކުގައި، އެއީ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ، އަދި އެހެނިހެން ތަޢުލީމުދޭ މަރުކަޒުތަކުގައި މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން، ސަރުކާރު އޮފީސްތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ފިހާރަތަކާއި، ފުޑް ޓްރަކްތަކާއި، ވެންޑިންގ މެޝިންތަކާއި، އޮންލައިން އޯޑަރުކޮށް ގެނެސްދޭ ޕްލެޓްފޯމްތަކުންވެސް އެނަރޖީ ޑްރިންކް ވިއްކުން މަނާކޮށްފައިވެއެވެ.
އައު ގަވާއިދުތަކުގެ ދަށުން، އެނަރޖީ ޑްރިންކް ގަންނަން ލިބޭނީ ހަމައެކަނި ކޯޕަރޭޓިވް އެސޯސިއޭޝަންތަކުންނާއި ހޮވާލެވިފައިވާ ބާޒާރުތަކުން ކަމަށާއި، ކަމާބެހޭ ފަރާތްތަކުގެ ބެލެހެއްޓުންތެރިކަމުގެ ދަށުން ހިންގާ ޚާއްސަ ތަންތަނުންނެވެ.