ދީން

ފިނޑިނުވާށެވެ! ހިތާމަ ނުކުރާށެވެ! ތިޔަބައިމީހުންނީ މަތިވެރި ބަޔެކެވެ.

ފިނޑިނުވާށެވެ! ހިތާމަ ނުކުރާށެވެ! ތިޔަބައިމީހުންނީ މަތިވެރި ބަޔެކެވެ.

ރޮއެ ހިތާމަކުރަމުންދާ މީހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 05:36

25 ޑިސެމްބަރު 2025، 05:36

ދުނިޔެއަކީ ހިތާމައިގެ އަދި އުފާވެރިކަމުގެ ހިނިތުންވުން އެކުލެވޭ މަސްރަހެކެވެ. އިންސާނާގެ ދިރިއުޅުމުގައި، ހިތްދަތިކަމާއި މާޔޫސްކަން ކުރިމަތިކުރުވާ ކިތަންމެ ކަމެއް ދިމާވާނެއެވެ. ބައެއް ފަހަރު މި ދަތިކަން އިންސާނާގެ ކެތްތެރިކަމުގެ ހައްދު ފަހަނަޅައިދާ ހިސާބަށް ވެސް ފޯރަފައެވެ. ނަމަވެސް، މުއުމިނަކަށް މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އޮތީ ކެތްތެރިވުމެވެ. އެހެނީ، މުއުމިނަކީ ޤަޟާޤަދަރަށް އީމާންވާނެ މީހެކެވެ. އަދި ހުރިހާ ކަމެއްގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން އުންމީދު ކުރާނެ މީހެކެވެ. ﷲގެ ރަޙްމަތުން މާޔޫސް ނުވާނެ މީހެކެވެ.


އިންސާނާ ކުރިމަތިލާ ހިތްދަތިކަމާއި ކެކުޅުމާއި ވޭންތަކުގައި މުއުމިނުންގެ ހިތްތަކަށް ސާބިތުކަން ދެއްވުމަށްޓަކައި، މާތް ﷲ ކީރިތި ޤުރުއާނުގައި އެތައް އާޔަތެއް ވަނީ ބާވާލައްވާފައެވެ. އެފަދަ އެއް އާޔަތަކީ އާލް އިމްރާން ސޫރަތުގެ 139 ވަނަ އާޔަތެވެ. މި އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.


﴿139﴾ وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

މާނައީ: ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.

(އާލް އިމްރާން 139 ވަނަ އާޔަތް)


މި އާޔަތުން ދޭހަވާ އެއް ކަމަކީ މުއުމިނެއްނަމަ ފިނޑިވެ ނިކަމެތިވުމެއް ނެތްކަމެވެ. ހިތާމައިގެ މަތީ ދެމި ހުރުމެއްވެސް ނެތްކަމެވެ. މުއުމިނުންނަކީ ﷲގެ ހަޟްރަތުގައި މަތިވެރިވެގެންވާ ބަޔަކު ކަމުގައި ވާނޭ ކަންވެސް މި އާޔަތުން ދޭހަ ވެއެވެ. މިފަދައިން ބާވާލައްވާފައިވާ އާޔަތްތަކަކީ މުއުމިނުންގެ ހިތްތަކަށް ހިތްވަރާއި އުންމީދު ގެނެސްދޭނެ އަދި ސާބިތުކަން ދެނިވި ބަސްފުޅުތަކެކެވެ. ދުނިޔޭގައި ދިމާވާ ކޮންމެ ހާލަތެއްގައި ވެސް، މުއުމިނަކަށް ދިމާވާ ހިތްދަތިކަމާއި މޮޅިވެރިކަމަކީ އޭނާގެ ދަރަޖަ މަތިވެރިކުރާނެ އަދި ފާފަތައް ފޮހެލާނެ ސަބަބަކަށް ވެދާނެއެވެ. އެހެނީ ކެތްތެރިވާ މީހުންނަށް ﷲ ދެއްވާނެ ދަރުމަ ވަރަށް ބޮޑެވެ.

ކަން މިހެން ހުރުމާއި އެކު، މުއުމިނުންނަށް ދިމާވާ މިފަދަ ހިތްދަތި ކަންކަމުގަޔާއި މޮޅިވެރިކަން އިހުސާސް ކުރަންޖެހޭ ފަދަ ނިކަމެތި ހާލަތްތަކުގައި ވެސް ދެރަވެ ފިނޑި ނުވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ކިޔަމަންގަނެ، އެ އިލާހުގެ މަދަދަށް އެދޭށެވެ. އަދި އެ އިލާހުގެ ހަޞްރަތުން އުންމީދު ކަނޑާނުލާށެވެ. ﷲ ތަޢާލާ ވަނީ އެންމެހާ މުއުމިނުންނަށް ނިކަމެތިވެ ފިނޑި ނުވުމަށާއި ހިތާމަ ނުކުރުމަށް އެކަލާނގެ ވަޙީ ބަސްފުޅަކުން އަންގަވާ ދެއްވާފައެވެ. މި ވަޙީ ބަސްފުޅުގައިވާ ފަދައިން އުންމީދާއި ހިތްވަރާއެކު ދިރިއުޅުމުގެ ކޮންމެ ހާލަތަކާވެސް ކުރިމަތިލުމަކީ މުއުމިނުންގެ ޝިއާރެވެ.

                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450